އީރާނާއި އެމެރިކާއާ ދެމެދު ދާދި ފަހުން ސޮއިކުރި ފަހުމުނާމާގެ 5 ވަނަ މާއްދާއާ އެމެރިކާއިން ހިލާފުވެފައިވާ ކަމަށް ބުނެ، އީރާނުގެ ރޫހާނީ ލީޑަރުގެ މުޝީރު މުހުސިން ރިޒާއީ އެމެރިކާއަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ.

މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރިޒާއީ ވިދާޅުވި ގޮތުގައި، ހޮރުމުޒް ކަނޑުއޮޅީގައި ނުތަނަވަސްކަން އުފައްދައިގެން އެމެރިކާއިން ވަނީ ސުލްހައިގެ އެއްބަސްވުމާ ހިލާފުވެފައެވެ. އަދި އެއްބަސްވުމުގެ އެއްވެސް މާއްދާއަކާ ހިލާފުވެއްޖެނަމަ، އީރާނުން އަވަސް އަދި ވަރުގަދަ ރައްދެއް ދޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ. ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތުހުމަތުތައް އަމާޒުކޮށްފައިވަނީ ދާދި ފަހުން އެމެރިކާއިން އީރާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ދިން ވައިގެ ހަމަލާތަކާ ގުޅިގެންނެވެ.

އިސްލާމްއާބާދުގައި ސޮއިކުރި މި ފަހުމުނާމާގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ހޮރުމުޒް ކަނޑުއޮޅިން ވިޔަފާރި ބޯޓުފަހަރަށް އެއްވެސް އަގެއް ނެގުމަކާ ނުލައި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ޒިންމާ އޮތީ އީރާނަށެވެ. މީގެ އިތުރުން، ކަނޑުއޮޅީގެ މުސްތަގުބަލުގެ އިދާރީ ހިންގުމާއި ކަނޑުމަތީގެ ހިދުމަތްތަކާ ގުޅޭގޮތުން އޮމާނާއެކު މަޝްވަރާކުރުމަށްވެސް މި މާއްދާގައި އީރާނަށް ލާޒިމުކުރެއެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ބުނެފައިވަނީ ކަނޑުއޮޅީގެ ކަންކަން ބެލެހެއްޓުމުގައި އީރާނުގެ ދައުރު މުހިންމު ކަމަށެވެ.

އީރާނުގެ މި ތުހުމަތުތަކާ ގުޅިގެން އެމެރިކާ ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އެމެރިކާގެ ސެންޓްރަލް ކޮމާންޑުން މީގެ ކުރިން ބުނެފައިވަނީ އެ ގައުމުގެ ހަރަކާތްތަކަކީ ވިޔަފާރި ބޯޓުފަހަރަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކަށް ދިން ރައްދެއް ކަމަށާއި، އެއީ ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ހިންގި ހަރަކާތްތަކެއް ކަމަށެވެ.

ދުނިޔޭގެ ތެލުގެ ސަޕްލައިގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރާ ހޮރުމުޒް ކަނޑުއޮޅީގައި އުފެދިފައިވާ މި ނުތަނަވަސްކަމުގެ ސަބަބުން، ބައިނަލްއަގުވާމީ ވިޔަފާރި ބޯޓުފަހަރުގެ ރައްކާތެރިކަމާމެދު ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. އިންޓަނޭޝަނަލް ޗެމްބަރ އޮފް ޝިޕިންގއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިހާރުވެސް އެ ސަރަހައްދުގައި 600 އެއްހާ ބޯޓު ތާށިވެފައިވެއެވެ.