ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މީޓްލޮޖިސްޓް އަބްދުﷲ ހާފިޒް މިއަދު "ވަން" އަށް ވިދާޅުވީ ކުރިޔަށް އޮތް 24 ގަޑިއިރު ވިއްސާރަވާނެ ކަމަށާއި ހާއްސަކޮށް މެދު ރާއްޖެތެރެއަށާއި ދެކުނުގެ އަތޮޅުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރާ ކަމަށެވެ.

"އުތުރަށް ބޯވާރޭގެ އަސަރު ކުޑަ، ނަމަވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވޭ. މާދަމާއިން ފެށިގެން މޫސުން އެހާގޯހެއް ނޫވާނެ. ކުރިޔަށް އޮތް ދެ ދުވަސް ތިން ދުވަސް ކެރި އުޅޭނެ. ވިއްސާރަ ބޮޑަށް އުޅޭ ކަމަށް ބެލެވެނީ މެދުރާއްޖެތެރެއަށާއި ދެކުނަށް. ވައިވެސް މަޑުވެގެންދާނެ މާދަމާއިން ފެށިގެން،" ހާފިޒް ވިދާޅުވިއެވެ.

މެދުރާއްޖެތެރެއަށާއި އުތުރުގެ ރަށްތަކަށް ކަނޑުތައް ގަދަވާނެ ކަމަށާއި އެވްރެޖުކޮށް ގަދަވި ނަމަވެސް ދެނުގެ ރަށްތަކަށް ކަނޑުތައް ގަދަ ނުވާނެނން ކަމަށެވެ.

"ވިލާގަނޑުގައި ތަންކޮޅެއް ބާރުވެގެންދާނެ. ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުމުގެ ފުރުސަތު އެބައޮތް މެދުރާއްޖެތެރެއަށާއި ދެކުނަށް. އެެހެންނަމަވެސް ރާއްޖޭގެ އުތުރަށް އެވްރެޖުވައި ހިފަހައްޓާނެ ކަމަށް ބެލެވެނީ 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި. އުތުރަށް އެހާ ބާރުގަދަ ވިލާގަނޑެއް ފާހަގައެއް ނުކުރެވޭ މިއަދަކު. ބައެއް ރަށްތަކަށް ތަންކޮޅެއް ބޯކޮށް ވާރޭ ވެހުމުގެ ފުރުސަތު އެބައޮތް. ހާއްސަކޮށް މެދުރާއްޖެތެރެއަށާއި ދެކުނުގެ ބައެއް ރަށްތަކަށް. އެެހެންވީމަ އެކަމަށް ސަމަލުކަން ދިނުންމަށްއެެދެން." މީޓްލޮޖިސްޓް ހާފިޒް ވިދާޅުވިއެވެ.

މޫސުމާބެހޭ އިދާރާއިން ވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އިން ދ. އަތޮޅަށް ހުދުސަމާލު ނެރެފައެވެ.