ފީފާ ވޯލްޑް ކަޕް 2026 ގެ ނޮކްއައުޓް މަރުހަލާ ފެށިގެންދާ އިރު، މުބާރާތުގެ އެންމެ ޝައުގުވެރި އެއް ކުރިމަތިލުމަކަށް ވާނީ ގަދަ 32 ގެ ބުރުގައި ސައުތު އެފްރިކާ އާއި ކެނެޑާ ބައްދަލުކުރާ މެޗެވެ. ރާއްޖޭގަޑިން މިރޭ 12:00 ގައި ކުޅޭ މި މެޗަކީ، މި ދެ ގައުމުގެ ފުޓުބޯޅަ ތާރީހުގައި ވެސް އާ ސަފުހާއެއް ލިޔެވިގެންދާނެ މެޗެކެވެ. ގްރޫޕް ސްޓޭޖުގައި ގިނަ ބައެއްގެ އުންމީދުތަކަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރެ، މި ދެ ޓީމު ވެސް ވަނީ ނޮކްއައުޓް ބުރަށް ދަތުރުކޮށްފައެވެ. ނަމަވެސް، މި ތާރީހީ ދަތުރުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތު ލިބޭނީ މީގެ ތެރެއިން އެންމެ ޓީމަކަށެވެ.

ސައުތު އެފްރިކާއަށް ބަލާ އިރު، މުބާރާތުގެ މި ހިސާބަށް އާދެވުމަކީ ވެސް އެ ގައުމުގެ ވޯލްޑް ކަޕް ތާރީހުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އަނެއްކޮޅުން ކެނެޑާ އަންނަނީ އެ ގައުމުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު މުބާރާތް ތަޖުރިބާކުރަމުންނެވެ. އެ ޓީމުން ވަނީ ޕްރެޝަރު ވަގުތުތަކުގައި ވެސް އިތުބާރާއެކު ކުޅެ، ނުރައްކާތެރި އެޓޭކިން ފުޓުބޯޅައެއް ދައްކައިފައެވެ. ގަދަ 16 ގެ ޖާގައެއް ކަށަވަރުކުރުމަށް ދެ ޓީމުން ވެސް ނުކުންނާނީ މޮޅެއް ހޯދުމުގެ ވަރުގަދަ އަޒުމުގައެވެ.

ސައުތު އެފްރިކާގެ ވަރުގަދަ ޑިފެންސް

މި މުބާރާތުގައި ސައުތު އެފްރިކާއިން ވަނީ އެ ޓީމުގެ ޑިސިޕްލިންއާއި، ރޭވުންތެރިކަމާއި އަދި ހިތްވަރުގަދަކަމުގެ ސަބަބުން ގިނަ ބައެއްގެ ތައުރީފު ހޯދައިފައެވެ. ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބަލިވި ނަމަވެސް، އޭގެ ފަހުން އެ ޓީމުން ވަނީ ކުޅުން ވަރަށް ރަނގަޅުކޮށްފައެވެ. ހާއްސަކޮށް ސައުތު ކޮރެއާއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުން ހޯދި ކާމިޔާބީން، އިދިކޮޅު ޓީމުގެ ޕްރެޝަރު ހިފަހައްޓައި، ލިބޭ ފުރުސަތުތަކުގައި ނުރައްކާކުރުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދިނެވެ.

ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ރޮންވެން ވިލިއަމްސް އަންނަނީ ގޯލު ކުރިމަތީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ތަޖުރިބާކާރު މިޑްފީލްޑަރު ޓެބޯހޯ މޮކޮއެނާގެ ލީޑާޝިޕްގެ ދަށުން ޓީމުގެ މެދުތެރެ ވަނީ ވަރަށް ބޮޑަށް ބެލެންސް ކުރެވިފައެވެ. ކުރިއަށް ކުޅޭ ލައިލް ފޮސްޓާ އަދި އޮސްވިން އަޕޮލިސްގެ ހަލުވިކަމަކީ ކައުންޓާ އެޓޭކުގައި އިދިކޮޅު ޓީމުތަކަށް އޮތް ބޮޑު ނުރައްކަލެކެވެ. ކޯޗު ހޫގޯ ބްރޫސް ވަނީ ޓީމުގެ ފޯމޭޝަން ފަސޭހައިން ރޫޅިގެން ނުދާނެ ފަދަ ވަރުގަދަ ނިޒާމެއް ގާއިމުކޮށްފައެވެ.

ކެނެޑާގެ ނުރައްކާތެރި އެޓޭކް

މި މެޗަށް ނުކުންނައިރު ކެނެޑާއަކީ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ޓީމެވެ. ގްރޫޕް ސްޓޭޖުގައި އެ ޓީމުން ވަނީ ވަރަށް ޝައުގުވެރި ކުޅުމެއް ދައްކައިފައެވެ. ކޯޗު ޖެސީ މާޝްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ކެނެޑާއިން ވަނީ ގަތަރުގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައި، މުބާރާތުގެ އެހެން ޓީމުތަކަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

ކެނެޑާގެ ފޯވާޑް ޖޮނަތަން ޑޭވިޑް އަންނަނީ އޭނާއަކީ ކޮންކާކަފް ސަރަހައްދުގެ އެންމެ ނުރައްކާތެރި އެއް ފޯވާޑްކަން ސާބިތުކޮށްދެމުންނެވެ. މީގެ އިތުރުން އަލްފޮންސޯ ޑޭވީސް ފިޓްވެއްޖެ ނަމަ، އޭނާގެ އުފެއްދުންތެރި ކުޅުމަކީ ކެނެޑާގެ އެޓޭކަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ޑޭވީސް ވަނީ އަނިޔާއިން ރަނގަޅުވެ މި މެޗަށް ފިޓްވެފައެވެ. މިއީ ކެނެޑާއަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެކެވެ. ގިނަ އަދަދަކަށް ގޯލު ޖެހުމުގެ ގާބިލުކަން ކެނެޑާގެ ކިބައިގައި ހުރި ނަމަވެސް، ފިޒިކަލް އަދި ޓެކްޓިކަލް މެޗުތަކުގައި ވެސް އެ ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

ޓެކްޓިކަލް ގޮތުން ފެންނާނެ ތަފާތުތައް

މި ދެ ޓީމުގެ ކުޅުމުގެ ސްޓައިލްގައި ހުރި ތަފާތުތަކުގެ ސަބަބުން، މިއީ ގަދަ 32 ގެ ބުރުގައި ފެނިގެންދާނެ އެންމެ ޝައުގުވެރި އެއް މެޗަށް ވާނެއެވެ. ސައުތު އެފްރިކާއިން މި މެޗުގައި ވެސް ފެންނާނީ ފަހަތަށް ޖެހި، ގިނަ ކުޅުންތެރިން ލައިގެން ޑިފެންސްކުރާ މަންޒަރެވެ. އަދި ބޯޅަ ލިބޭ ވަގުތުތަކުގައި ހަލުވިކަމާއެކު ކުރިއަށް އަރައި ހަމަލާ އުފައްދަން މަސައްކަތްކުރާ ޓީމެއްގެ ގޮތުގައެވެ.

އަނެއްކޮޅުން ކެނެޑާއިން މަސައްކަތްކުރާނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭށެވެ. ކުރިއަށް ޖެހި ޕްރެސްކޮށް، ދަނޑުގެ ދެ ފަރާތުން ސައުތު އެފްރިކާގެ ޑިފެންސް ފޫއަޅުވާލަން މަސައްކަތްކުރާނެއެވެ. ކެނެޑާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ، ސައުތު އެފްރިކާގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލަން މަސައްކަތްކުރާ އިރު، ކައުންޓާ އެޓޭކަށް ފުރުސަތު ނުދީ ހިފެހެއްޓުމެވެ.

މެޗުގެ މުހިންމުކަން

މިއީ ދެ ގައުމަށް ވެސް މުޅިން އާ ތަޖުރިބާއެކެވެ. މީގެ ކުރިން ސައުތު އެފްރިކާއަށް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވިފައެއް ނުވެއެވެ. އަދި ކެނެޑާއިން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރެއްގައި ކުޅޭ މިއީ ފުރަތަމަ ފަހަރެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަދަ 16 ގެ ޖާގައެއް ލިބޭ އިރު، އެ ބުރުގައި ބައްދަލުކުރަން ޖެހޭނީ ނެދަލޭންޑްސް ނުވަތަ މޮރޮކޯއާއެވެ. އެހެންކަމުން، މިއީ ދެ ޓީމަށް ވެސް ތާރީހުގެ ތެރެއިން ޖާގަ ހޯދުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

އެޓޭކިން ކުޅުމަށް ބަލާއިރު ކެނެޑާއަކީ މާ ވަރުގަދަ ޓީމެކެވެ. އަދި މެޗުގެ ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ހުނަރުވެރި ކުޅުންތެރިން އެ ޓީމުގައި ގިނައެވެ. ނަމަވެސް ސައުތު އެފްރިކާއިން ވަނީ އެ ޓީމަށްވުރެ ވަރުގަދަ ޓީމުތައް ވެސް ހުއްޓުވުމުގެ ގާބިލުކަން ހުރިކަން ސާބިތުކޮށްދީފައެވެ. މެޗުގެ ކުރީކޮޅު ކެނެޑާއަށް ގޯލެއް ކާމިޔާބުކުރެވިއްޖެނަމަ، މެޗުގެ ކޮންޓްރޯލް އެ ޓީމަށް ލިބޭބެއެވެ. ނަމަވެސް ދެވަނަ ހާފުގެ ފަހުކޮޅާ ހަމައަށް ވެސް ނަތީޖާ ހަމަހަމަކޮށް އޮވެއްޖެނަމަ، ސައުތު އެފްރިކާގެ ކުޅުންތެރިންގެ އިތުބާރު ބޮޑުވެ، ކެނެޑާއަށް ޕްރެޝަރު ބޮޑުވާނެއެވެ.

މިއީ ވަރަށް ވާދަވެރި މެޗަކަށް ވާނެ ކަމަށް ބެލެވޭ އިރު، މެޗުގެ ނަތީޖާ ކަނޑައެޅިގެންދާނީ ކޮންމެވެސް އެއް ކުޅުންތެރިއެއްގެ އަމިއްލަ ހުނަރުން އުފައްދާ ފުރުސަތަކުން ކަމަށްވުން ވަރަށް ގާތެވެ.