މިއަދުން ފެށިގެން މީސްލްސް (ހިމަބިހި) އަދި ރުބެއްލާއަށް ދޭ އެމްއާރު ވެކްސިން ދޭން ފަށަން ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މާލޭ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ. އަދި އެ އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 30ގެ ނިޔަލަށް ކަމަށެވެ.
މާލޭ ސަރަހައްދުގައި އެމްއާރް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:
- ޔޫޕީއެޗްސީސީ - ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 08:30 އިން މެންދުރުފަހު 03:00އަށް
- ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00އަށް އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު މެންދުރުފަހު 01:00 އިން 03:00އަށް
- ސެނަހިޔާ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން ހަވީރު 04:00އަށް
- ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މެންދުރު 01:30 ފެށިގެން 03:30އަށް
އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.
ރާއްޖޭގައި ހިމަބިހި ފެތުރެން ފަށައި މި އަހަރުގެ މިހާތަނަށް 22 މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.
ހިމަބިއްސަކީ ގައިންގަޔަށް އަވަހަށް ފެތުރޭ، ނުރައްކާތެރި ބައްޔެކެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ހުން އައުމާއި ހަމުގައި ރަތް ބިހިތަކެއް ނެގުމުގެ އިތުރުން، ކެއްސުމާއި އަރިދަފުސް ފޭބުމާއި ލޯ ރަތްވުން ހިމެނެއެވެ.
މި ބަލީގެ ސަބަބުން ނިއުމޯނިޔާ ޖެހުމާއި ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވެ، ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އޮވެއެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަކީ މުހިންމު ކަމެކެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުން
- ސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން
- އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން
- ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން
- ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
ސައުތު އީސްޓް އޭޝިއާ ސަރަހައްދުގައި މީސްލްސް އަދި ރުބެއްލާ ނައްތައިލެވުނު ފުރަތަމަ ދެ ގައުމަކީ ރާއްޖެ އަދި ސްރީލަންކާ ކަމަށް ޑަބްލިއުއެޗްއޯގެ ރީޖަނަލް އޮފީސް ފޯ ސައިތު އީސްޓް އޭޝިއާ، ޑަބްލިއުއެޗްއޯ-އެސްއީއޭއާރުއޯ ކަނޑައަޅައި އެކަމުގެ ލިޔުން ދިވެހި ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
އޭގެފަހުން 2022 ވަނަ އަހަރުވެސް ހިމަބިހީގެ ކޭސްތަކެއް ރާއްޖޭންވަނީ ފެނިފަ އެވެ.
އާއިޝަތު މާހާ
ހެލްތް ޕްރޮޓެކްޝަން އެޖެންސީ
ހެލްތް ޕްރޮޓެކްޝަން އެޖެންސީ
ހެލްތް ޕްރޮޓެކްޝަން އެޖެންސީ
ކޮމެންޓް