އެމެރިކާއާއި އީރާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް އިތުރުވެ، މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެއްޖެއެވެ. އެމެރިކާއިން އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދިނުމާ ގުޅިގެން، އީރާނުން ވަނީ އޭގެ ރައްދުގައި ބަހްރޭނާއި ކުވައިތުގައި ގާއިމުވެ ތިބޭ އެމެރިކާގެ އަސްކަރީ ފައުޖުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކަކީ ދެ ގައުމުގެ ދެމެދުގައި ވެފައިވާ ވަގުތީ އެއްބަސްވުންތަކާ ހިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށް ދެ ފަރާތުންވެސް ދަނީ ތުހުމަތުކުރަމުންނެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައެވެ. ހާއްސަކޮށް ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ ކަނޑުގެ މަގުތަކުގެ ރައްކާތެރިކަމާމެދު ބައިނަލްއަގުވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އީރާނުން ބުނާ ގޮތުގައި އެމެރިކާގެ ހަމަލާތަކަކީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފުވުމެކެވެ.
އެމެރިކާއިން ވިދިވިދިގެން ދެވަނަ ދުވަހު އީރާނަށް ބޮންއަޅާފައިވާއިރު، މި ހަމަލާތައް އަމާޒުކޮށްފައިވަނީ އީރާނުގެ ކޭޝްމް އައިލެންޑަށާއި، ސިރިކް އަދި ބަންދަރް-އެ ލެންގޭ ސަހަރަށެވެ. އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނެފައިވާ ގޮތުގައި، މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅި ކައިރިން ދަތުރުކުރަމުންދިޔަ ވިޔަފާރި ބޯޓަކަށް އީރާނުން ޑްރޯން ހަމަލާއެއް ދިނުމާ ގުޅިގެން ދިން ރައްދު ހަމަލާތަކެކެވެ.
އެމެރިކާއިން ބުނާ ގޮތުގައި އެ ގައުމުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ އީރާނުގެ މިސައިލާއި ޑްރޯން ރައްކާކުރާ ގުދަންތަކާއި އައްސޭރިފަށުގެ ރާޑާރު ނިޒާމުތައް ހިމެނޭ ގޮތަށް 10 އަމާޒަކަށް ހަމަލާދީފައެވެ. މި ހަމަލާތަކަކީ އީރާނުން “އެމްވީ އެވަރ ލަވްލީ” ނަމަކަށް ކިޔާ ބޯޓަކަށް ދިން ހަމަލާއާ ގުޅިގެން ދިން ހަމަލާތަކެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މީގެ އިތުރުން، އީރާނުގެ ދެކުނުގައި އޮންނަ ބަންދަރް އައްބާސްގެ ޝާހިދު ރަޖާއީ ބަނދަރަށްވެސް ބޮޑު ގޮވުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އިން ވަނީ ކުވައިތުގައި ހުންނަ އަލީ އަލް ސާލިމް ވައިގެ މަރުކަޒަށާއި، ބަހްރޭނުގެ ވެރިރަށް މަނާމާގައި ގާއިމުކޮށްފައިވާ އެމެރިކާގެ ފަސްވަނަ ފްލީޓުގެ މަރުކަޒަށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. އައިއާރްޖީސީން ބުނެފައިވާ ގޮތުގައި މި ހަމަލާތަކުގައި އެމެރިކާގެ އަސްކަރީ 8 އުމްރާނީ ތަނެއް ވަނީ ހަލާކުކޮށްލާފައެވެ. ނަމަވެސް، އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި އެމެރިކާގެ އެއްވެސް ސިފައިންގެ މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން، ކުވައިތުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އަމާޒުވި ހަމަލާއެއްގައި އިންޑިއާގެ ރައްޔިތަކު މަރުވެ 63 މީހަކަށް އަނިޔާވެފައިވާއިރު، އީރާނުން ވަނީ އެއީ އެމެރިކާގެ ޕޭޓްރިއަޓް މިސައިލް ނިޒާމަށް ދިމާވި މައްސަލައެއްގެ ސަބަބުން ހިނގި ކަމެއް ކަމަށް ބުނެ އެކަމުގެ ޒިންމާ ނަގަން އިންކާރުކޮށްފައެވެ.
މި ހަމަލާބަދަލުކުރުންތަކާ ގުޅިގެން ސިޔާސީ ގޮތުންވެސް ބޮޑެތި ބަހުގެ ހަމަލާތަކެއް ދަނީ ބަދަލުކުރެވެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ގޮތުގައި، އީރާނުން ވަނީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުމާ ހިލާފުވެފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި އަސްކަރީ ގޮތުން މިކަން ނިންމާލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން، އީރާނުގެ އަމަލުތަކަކީ ސަރަހައްދީ ސުލްހައަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އެމެރިކާއިން ދަނީ ސިފަކުރަމުންނެވެ. އެމެރިކާއިން ބުނާ ގޮތުގައި އީރާނުގެ އަމާޒަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރަށް ހުރަސްއެޅުމެވެ. އެމެރިކާގެ އަސްކަރިއްޔާއިން ވަނީ އީރާނަށް ދިން ހަމަލާތަކުގެ ވީޑިއޯތައްވެސް އާންމުކޮށްފައެވެ. އަދި އެމެރިކާގެ މަނަވަރުތަކާއި މަތިންދާބޯޓުތައް އެ ސަރަހައްދުގައި ރައްކާތެރިކަމާއެކު ހަރަކާތްތެރިވަމުންދާ ކަމަށް ސެންޓްކޮމްއިން ވަނީ ބުނެފައެވެ.
އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް 30 ދުވަހުގެ މުއްދަތަށް ހޮރްމުޒް ކަނޑުއޮޅި އޮންނާނީ ފުރިހަމައަށް އީރާނުގެ ކޮންޓްރޯލްގެ ދަށުގައެވެ. އެމެރިކާއިން ދޭ ކޮންމެ ހަމަލާއެއްގެ ސަބަބުން މިހާރު އޮތް ނާޒުކު ހާލަތު އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އައިއާރްޖީސީގެ ތަރުޖަމާނު ހުސެއިން މުހިއްބީ ވިދާޅުވި ގޮތުގައި، އެމެރިކާއަކީ އަބަދުވެސް އެއްބަސްވުންތަކާ ހިލާފުވާ، އިތުބާރު ނުކުރެވޭ ގައުމެކެވެ.
“ދުޝްމަނުން އެއްބަސްވުންތަކާ ހިލާފުވެ، ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން މުގުރާލައިފިނަމަ، ކުރިއަށްވުރެ މާ ވަރުގަދަ ރައްދެއް އަހަރެމެން ދޭނަން،” މުހިއްބީ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުޝްމަނުންގެ ފަރާތުން މިފަދަ އަމަލުތަކެއް ފެނުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކޭ ކަމަށާއި، އެއީ އެމީހުންގެ އަސްލު ސިފަ ކަމަށްވާތީއެވެ.
މި ހަމަލާތަކުގެ ސަބަބުން މުޅި ގަލްފު ސަރަހައްދުގެ ސަލާމަތަށް ވަނީ ބޮޑެތި ނުރައްކާތަކަކާ ކުރިމަތިވެފައެވެ. ބަހްރޭނާއި ކުވައިތުން ވަނީ އީރާނުގެ ހަމަލާތައް ކުށްވެރިކޮށް، މިއީ ސަރަހައްދީ ސަލާމަތަށް އޮތް ނުރައްކާތެރި އަމަލެއް ކަމަށް ބުނެފައެވެ. ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީސީސީ) އިން ނެރުނު ބަޔާނެއްގައި، އީރާނުން މަދަނީ އުމްރާނީ ތަންތަނަށް ދިން ހަމަލާތައް ވަރަށް ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އޮމާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންވެސް ވަނީ މި އަމަލުތައް ކުށްވެރިކޮށްފައެވެ.
އެމެރިކާ އާއި އިރާނާ ދެމެދު އުފެދިފައިވާ މައިގަނޑު މައްސަލައަކީ އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ވަގުތީ އެއްބަސްވުން މާނަކުރުމުގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކެވެ. އީރާނުން ބުނާ ގޮތުގައި އެއްބަސްވުމުގެ ފަސްވަނަ މާއްދާގެ ދަށުން، 60 ދުވަހުގެ މުއްދަތަށް ހޮރްމޫޒް ކަނޑުއޮޅިން ވިޔަފާރި ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ހައްގު އީރާނަށް ލިބިގެންވެއެވެ. ނަމަވެސް އެމެރިކާއިން މަސައްކަތްކުރަމުން ދަނީ އޮމާންގެ އައްސޭރިފަށާ ކައިރިން ދެކުނުގެ ރޫޓެއް ބޭނުންކުރުމަށެވެ.
ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމޫޒް ކަނޑުއޮޅީގެ ސަލާމަތާ މެދު ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އައިއާރްޖީސީން ވަނީ އެ ސަރަހައްދުގެ ކޮންޓްރޯލް ޒޯނުގެ އާ ޗާޓެއްވެސް އާންމުކޮށްފައެވެ. މި ޗާޓުގައިވާ ގޮތުން، އީރާނުގެ ކޫހް މުބާރަކުން ފެށިގެން ޔޫއޭއީގެ ފުޖައިރާއާ ހަމައަށް، އަދި ހުޅަނގުން ކޭޝްމް އައިލެންޑުން ފެށިގެން އުއްމުލް ގުވައިންއާ ހަމައަށް އޮންނަ ސަރަހައްދަކީ އީރާނުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އައިއާރްޖީސީން އިންޒާރުދީފައިވާ ގޮތުގައި، އެ ފަރާތުގެ އުސޫލުތަކާ ހިލާފުވާ ކޮންމެ ބޯޓަކަށް ހުރަސްއަޅާނެއެވެ. ދެ ގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތައް ރޫޅި، ފުރިހަމަ ހަނގުރާމައަކަށް ހިނގައިދާނެ ކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑުވެފައެވެ. ބަހްރޭނުން ވަނީ މި މައްސަލައާ ގުޅިގެން އދ. ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ގޮވާލާފައެވެ.
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
އިރާނު-އިޒްރޭލު ހަނގުރާމަ
ކޮމެންޓް