ފުލުހުންގެ ހިދުމަތުގައި 25 އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު ރިޓަޔާކުރާ ފުލުހުންނަށް، ހިދުމަތުގައި ތިބޭ ފުލުހުންނާ އެއް ފެންވަރެއްގައި ބޭސްފަރުވާގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ވިދާޅުވީ ރިޓަޔާ ކުރާ ފުލުހުންނަށް ދެވޭ އިނާޔަތްތައް ކަނޑައެޅުމުގައި މިހާތަނަށް ގެންގުޅުނު ލިމިޓް އުވާލައި، އެ މީހަކު ހިދުމަތް ކުރި މުއްދަތަށް ބަލައި ހައްގުވާ އިނާޔަތްތައް ފުރިހަމައަށް ދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައި ކަމަށެވެ.

"ފުލުހުންގެ ހިދުމަތުން ޝަރަފުވެރިކަމާއި އެކު ދޭ އިނާޔަތްތައް ހިސާބުކުރުމުގައި އޮތް ލިމިޓު ބަދަލުކުރުމަށް ނިންމާފައިވާކަމުގެ އުފާވެރި ހަބަރު. ހަމައެއާއި އެކު އެ ފުުލުހުން ހިދުމަތްކޮށްފައިވާ މުއްދަތަށް ބަލާ، ލިބޭ އިނާޔަތްތައް ހަމަޖައްސާދިނުމުގައި ހިދުމަތުގައި 25 އަހަރުވުމަށް ފަހު ހިދުމަތުގައި ދެމިހުރި ފުލުހެކޭ އެއްފަދައިން ބޭސްފަރުވާ ހަމަޖައްސާދިނުމަށް މިހާރު ވަނީ ނިންމާފައި" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވީ، ބޯހިޔާވަހިކަމާއި، ތައުލީމާއި، ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުންގެ މުއައްސަސާއަށް އިންގިލާބީ ކުރިއެރުންތަކެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހޯމް މިނިސްޓަރު އަލީ އިހުސާންގެ އެހީތެރިކަމާއެކު، ފުލުހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ، ކުށްތައް މަދުކުރުމާއި މުޖުތަމައުގެ އަމާންކަން ގާއިމުކުރުމުގައި ފުލުހުންގެ ހުޝިޔާރުކަން ދުވަހުން ދުވަހަށް އިތުރުވަމުންދާނެ ކަމަށެވެ. އަދި މުއައްސަސާއަށް 93 އަހަރު ވީނަމަވެސް، ގައުމީ ހިދުމަތުގައި ފުލުހުން ސާބިތުކަމާއެކު ދެމިތިބޭނެ ކަމަށެވެ.