މިއަންނަ އަހަރު މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަށް އަމާޒުކޮށް، ފުލުހުން އެއް ގިއަރު ކުރިއަށް ޖައްސައިގެން މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ގޭންގު ހަދައިގެން ރަށުތެރޭގެ އަމާންކަން ނަގާލަން މަސައްކަތް ކުރަމުންދިޔަ ކުދިން އެ މާހައުލުން ދުރުކޮށް އެ ކުދިން މުޖުތަމައުގައި އަބުރުވެރިކަމާއެކު ދިރިއުޅޭނެ އަހަރެއްކަމުގައިވެސް ކުރިއަށް އަހަރު ވެގެންދާނެ ކަމަށެވެ.

"މަސްތުވާތަކެތީގެ ވިޔާފާރިކުރާ ފަރާތްތަކަށް ޓާގެޓްކޮށްގެ ފުލުހުންކުރާ މަސައްކަތް އިތުރު ގިއަރަކަށް ބަދަލުކޮށް އިތުރު ފުރިހަމަ ނަތީޖާ ނެރޭނެ އަހަރަކަށް. ގޭންގު ހަދައިގެން ރަށުތެރޭގެ އަމަންނަގާލަމުން އައި އައުން މިހާރު މިވަނީ ބޮޑުތަނުން ކޮންޓްރޯލްކުރެވިފަ." އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ކުރިއަށް އޮތް އަހަރުވެގެން ދާނީ ގަވާއިދާހިލާފަށް ވިޔަފާރިކުރާ ބިދޭސީންނާއި، މައުލޫމާތު ނުދީ ފިލައިގެން އުޅޭ ދެހާހެއްހައި ބިދޭސީން ހޯދައި ރާއްޖެއިން ޑީޕޯޓުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެ އަހަރަކަށް ކަމަށެވެ.

އަދި އަމާން ބެލެހެއްޓުމަށް ޓެކްނޮލޮޖީއާއެކު ފުލުހުންގެ އޮފިސަރުންވެސް މިހާރަށް ވުރެ ގިނައިން މަގުމަތިން ފެނިގެންދާނެ ކަމަށާއި، ފުލުހުންގެ ހިދުމަތުގެ އިތުރު ރަން އަހަރަކަށް މިއަންނަ އަހަރު ވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރުކަމަށް އިހުސާން ވިދާޅުވިއެވެ.

"މި އިތުބާރު ދެމިއޮންނާނީ ފުލުހުންގެ އިންޓެގްރިޓީއާއި ހަމަހަމަކަމާއި ޒިންމާދާރުކަމާއި ޕްރޮފެޝަނަލިޒަމް އަދި ރައްޔިތުންނަށް ދެއްވާ އިހުތިރާމުން. ރައްޔިތަކާ ކުރެވޭ ޕޮޒިޓިވް ކޮންމެ މުއާމަލާތަކުން އެ އިތުބާރު އިތުރުވޭ. އިންސާނިއްޔަތުކަމާއެކު ދިއްކޮށްލާ ކޮންމެ އަތަކުން އެ އިތުބާރު އިތުރުވޭ. އަދި އިންސާފުވެރި ކޮންމެ ނިންމުމަކުން އަދި ޕްރޮފެޝަނަލް ކޮންމެ ރެސްޕޯންސަކުން އެ އިތުބާރު ވަރުގަދަވޭ" އިހުސާން ވިދާޅުވިއެވެ.