ފުލުހުންގެ މަސައްކަތްތައް ޒަމާނީ ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން "ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ" ހިދުމަތް އަންނަ އަހަރު ތައާރަފްކުރާނެކަން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު އެއް އަމާޒަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކުރުން ކަމަށެވެ. އެގޮތުން އަންނަ އަހަރު ފުލުހުންގެ ހިދުމަތަށް ތައާރަފްކުރާ އެންމެ މުހިންމު އެއް ވަސީލަތަކީ ކުއްލި ހާލަތްތަކުގައި އެންމެ ފުރަތަމަ އިޖާބަދޭ ވަސީލަތެއްގެ ގޮތުގައި ޑްރޯން ބޭނުންކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިގޮތުން ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އެމާޖެންސީ ރެންސްޕޮންސް ސެންޓަރުގެ ގާބިލުކަން އިތުރުކުރަމަށް، ނެކްސްޓް ޖެނެރޭޝަން ހޯލް ހޭންޑްލިން އިކްއިޕްމެންޓާއި އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭ ގޮތް ހަދައި އެހިސާބުގައި ހުންނަ ފުލުހުންގެ ކެމެރާތަކުގެ ފީޑް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑްކުރެެވިގެންދާނެ. މީގެ އިތުރުން ޑްރޯން އޭޒް ފަސްޓް ރެސްޕޮންޑާ ހިދުމަތްވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ތައާރަފްކުރެވިގެންދާނެ" އިހުސާން ވިދާޅުވިއެވެ.

ފުލުހުންގެ މި ހުރިހާ ޓެކްނޮލޮޖީތަކެއް ހިންގުމަށްޓަކައި އެންމެ ޒަމާނީ ޑޭޓާ ސެންޓަރެއް ބިނާކުރުމުގެ އަމަލީ މަސައްކަތްވެސް މިހާރު ފަށައިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި އާ ވަސީލަތްތަކާއެކު، ރައްޔިތުންނަށް ދެވޭ ރައްކާތެރިކަމާއި ފުލުހުންގެ ހިދުމަތުގެ ފެންވަރު ކުރިއަށްވުރެ އެތައް ގުނައަކަށް ރަނގަޅުވެގެންދާނެކަމަށް އިހުސާން ވިދާޅުވިއެވެ.