ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފުލުހުންނަށް ކުރިމަތިވާ ގާނޫނީ ހުރަސްތައް ނައްތާލުމަށްޓަކައި ފުލުހުންގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެނެސްދޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަކީ ފުލުހުން ކަމަށްވާއިރު، އެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މިހާރު ގާނޫނު ބައްޓަންވެފައި އޮތް ގޮތުން ފުރިހަމައަށް ހިދުމަތް ދިނުމަށް ހުރަސްތަކެއް ހުރި ކަމަށާއި، ފުލުހުންގެ މުއައްސަސާއިން ކުރާ ދިރާސާތަކުގެ އަލީގައި ގެންނަން ބޭނުންވާ ކޮންމެ އިސްލާހަކަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

"އެ ބަދަލުތައް ފުލުހުންގެ މުވައްސަސާއިން މަޝްވަރާކުރައްވާ ތިބޭފުޅުން ކުރައްވާ ދިރާސާތައް ކުރައްވާ ނިންމަވާ ހެއްދެވީމާ އެކަމަށް ދޭންޖެހޭ އިޖާބަ ސަރުކާރުންދޭނަން. ފުލުހުންގެ މުވައްސަސާ އިތުރަށް ހަރުދަނާކޮށް، ތިބޭފުޅުންގެ ފަރާތުން ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކާ އެ ގާނޫނަށް ގެންނަން ޖެހޭ ބަދަލެއްކަމުގައި ތިބޭފުޅުން ފާހަގަ ކުރައްވާ ކޮންމެ ބަދަލެއް ގެނެސްދިނުމުގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނަން،" ރައީސް ވިދާޅުވިއެވެ.

ފުލުހުންގެ ތަރައްގީއަށްޓަކައި ގިނަ ކަންތައްތަކެއް ކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ދ. ވާނީގައި ހިންގާ ފުލުހުންގެ ޓްރެއިނިން މަރުކަޒަކީ ޒަމާނީ، "ސްޓޭޓް އޮފް ދި އާޓް" މަރުކަޒަކަށް ހަދައިދޭނެ ކަމަށާއި، އިސްކަންދަރުކޮށި 2ގެ މަސައްކަތް ކުރިއަށް ގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މާލޭގައި ޖާގަ ތަނަވަސް ޒަމާނީ މައި މަރުކަޒެއް ބިނާކުރުމާއި، ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ ބޮޑު އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ފުލުހުންގެ އަދަދު އިތުރުކުރުމަށް ބޭނުންވާ ބަޖެޓު ހަމަޖައްސައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ކުރިއަށް އޮތް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފުލުހުންނަށް ހާއްސަ ކޯޓާއެއް ކަނޑައަޅާނެ ކަމަށާއި، އެއީ ފުލުހުންނަށް ދާއިމަށް މިލްކުވާނެ ތަންތަންކަމަށް ރައީސް ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންގެ ހިދުމަތް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށާއި، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ފުލުހުން ވަމުންދާ ގުރުބާނީއަކީ އަގުނުކުރެވޭނެ ފަދަ ގައުމީ ހިދުމަތެއްކަމަށް ރައީސް ވިދާޅުވިއެވެ.