"އަދަދު" ނޫހުން އުފެއްދި ޑޮކިއުމެންޓްރީއަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ ގެގް އަމުރު އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދަން ހައިކޯޓުން ނިންމައިފިއެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މާދަމާ ހެނދުނު 9:00 އަށް ހައިކޯޓުގައި ތާވަލުކޮށްފައިވާއިރު، މިއީ އެ ނޫހުގެ ސީއީއޯ ހުސެން ފިޔާޒު މޫސާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.
މީގެ ކުރިން މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް މި އަމުރު ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ގާނޫނީ ހައިސިއްޔަތު އެ ޖަމިއްޔާއަށް ނެތް ކަމަށް ކަނޑައަޅައި، ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
މިހާރު ކުރިއަށްދާ މައްސަލައިގެ ތެރެއަށް ބާ ކައުންސިލުންވެސް މިއަދު ވަނީ ތަދައްހުލުވެފައެވެ. ބާ ކައުންސިލުން ބުނީ އެ މައްސަލައަށް ތަދައްހުލުވީ ޑިއު ޕްރޮސެސްއާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަން އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ދިފާއުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
ކުރިމިނަލް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އެ އަމުރު ނެރުނު ފަހުން، ކޯޓު އަމުރާ ހިލާފުވިކަމަށް ބުނެ "އަދަދު" ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްވެސް ލިއެވެ.
މީގެ އިތުރުން، މި މައްސަލާގައި "އަދަދު"ގެ ސީއީއޯ ފިޔާޒާއި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އެ ދެ މީހުންގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލައިގެ ތަހުގީގަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފެއް ކަމަށްވާ އީޝާ އަޝްރަފް ވަނީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. ފުލުހުން އޭނާގެ މައްޗަށް ގަޒުފު ކުރުމުގެ ތުހުމަތު ކުރި ނަމަވެސް އަދި ދައުވާއެއް ނުކުރެއެވެ.
މުހައްމަދު އިޝާން
ހައިކޯޓު
ހައިކޯޓު
ކޮމެންޓް