މިއީ އެކި ގޮތްގޮތުން ތާރީހީ ވޯލްޑް ކަޕެކެވެ. މިފަހަރު ވޯލްޑް ކަޕްގައި 48 ގައުމަކުން ވާދަކުރަމުން އަންނަ އިރު، މިއީ ތާރީހުގައިވެސް އެންމެ ބޮޑު ވޯލްޑް ކަޕެކެވެ. ވޯލްޑް ކަޕްގެ އަދަދު ބޮޑުތަނުން އިތުރުވުމާއެކު އޭގެ ފައިދާ ބައެއް ކުދި ގައުމުތަކަށްވެސް ކޮށްފައިވާ އިރު، އެ ފުރުސަތުގެ ބޭނުންވެސް ގިނަ ގައުމުތަކުން ހިފައިފިއެވެ. ހާއްސަކޮށް އެފްރިކާގެ ގައުމުތަކަށް މިއީ މުޅި ތާރީހު ބަދަލުވި ވޯލްޑް ކަޕެެކެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި އަލަށް ގަދަ 32 ބުރެއް ހިމަނާފައިވާ އިރު، ދެވަނަ ބުރަށް 32 ޓީމު ދިޔައީ ގްރޫޕްތަކުގެ އެއްވަނަ ދެވަނައިގައި އިތުރުން ތިންވަނައިގައި ހިމެނިގެންނެވެ. އެ ފޯމެޓާއެކު ގިނަ ގައުމުތަކަށް ތާރީހު ލިޔެލަން ލިބުނު ފުރުސަތުގައި އެންމެ ވިދާލީ އެފްރިކާއެވެ. އެފްރިކާއިން މުބާރާތުގައި 10 ގައުމަކުން ވާދަކުރި އިރު، ކެޓީ ޓިއުނީޝިއާ އެކަންޏެވެ. އަނެއް ނުވަ ޓީމު ގަދަ 32 އަށް ދަތުރުކުރި އިރު، އޭގެ ތެރެއިން ދެކުނު އެފްރިކާއަށް ރޭ ވަނީ މުބާރާތް ނިމިފައެވެ. އެއީ ކެނެޑާ ކައިރިން ބަލިވެގެންނެވެ.

ދެކުނު އެފްރިކާގެ އިތުރުން ދެން ގަދަ 32 ގައި ކުޅޭ އެފްރިކާގެ ގައުމުތަކަކީ މޮރޮކޯ، ސެނެގާލް، އައިވޮރީ ކޯސްޓް، ގާނާ، ކޭޕް ވާޑް، މިސްރުގެ އިތުރުން ކޮންގޯއާއި އަލްޖީރިއާއެވެ. އޭގެ ތެރެއިން މޮރޮކޯއަކީ މިދިޔަ 2022 ވަނަ އަހަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ގޮސް ތާރީހު ލިޔެލި ޓީމެކެވެ.

މިފަހަރުގެ ކުރިން އެފްރިކާއިން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިފައި އޮތީ އެންމެ ހަ ގައުމަކަށެވެ. އޭގެ ތެރޭގައި ތަކުރާރުކޮށް އެ ފުރުސަތު ހޯދި ޓީމުތައް ހިމެނުނަސް، މީގެ ކުރިން ނޮކްއައުޓް ބުރެއްގައި އެންމެ ގިނައިންވެސް އެއް ފަހަރާ ފެނިފައި ވަނީ އެފްރިކާގެ ދެޓީމެކެވެ. އެއީ 2014 ވަނަ އަހަރާއި 2022 ވަނަ އަހަރުއެވެ.

ކޭޕް ވާޑާއި ކޮންގޯ ފަދަ ގައުމުތަކަކީ ގުރު ނެގިއިރު މާބޮޑު އުންމީދެއް ނެތް ޓީމުތައް ނަމަވެސް، އެގައުމުތަކުންވެސް ވަނީ ޔޫރަޕްގެ ގަދަ ބާރުތައް އަތުން ޕޮއިންޓް ހޯދައިފައެވެ. މިފަހަރު ކުޅުނު އެފްރިކާ ގައުމުތަކުގެ ތެރެއިން ސެނެގާލާއި ޓިއުނީޝިއާ ފިޔަވައި އެހެން އެއްވެސް ޓީމަކުން ގްރޫޕް ސްޓޭޖުގެ ދެމެޗުން ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް ގްރޫޕް ސްޓޭޖުގައި ދެ މޮޅު ހޯދީ އައިވޮރީ ކޯސްޓާއި މޮރޮކޯ އެކަންޏެވެ.

ކޭޕް ވާޑް ކީޕަރު ވޮޒީނިއާ: އޭނާއަށް ސަމާލުކަން ބޮޑު --- ފޮޓޯ/ ގެޓީ

ތާރީހަށް ބަލާއިރު، މިފަހަރު ގަދަ 32 އަށް ދިޔައި އެފްރިކާ ޓީމުތަކުގެ ތެރެއިން މީގެ ކުރިން ވޯލްޑް ކަޕެއްގެ ނޮކްއައުޓް ބުރުގައި ކުޅެފައިވާ ޓީމުތަކަކީ އަލްޖީރިއާ، ގާނާ،، މޮރޮކޯ އަދި ސެނެގާލް އެކަންޏެވެ. އަލްޖީރިއާ 2014 ވަނަ އަހަރަށްފަހު އަލަށް ނޮކްއައުޓަށް ދިޔަ އިރު، ގާނާއަށް މިއީ 2010 ވަނަ އަހަރަށްފަހު ފުރަތަމަ ނޮކްއައުޓް ބުރެވެ. އަދި މޮރޮކޯއާއި ސެނެގާލް ވަނީ ގަތަރު ވޯލްޑް ކަޕްގެވެސް ގަދަ 16 އަށް ގޮސްފައެވެ.

އެފްރިކާގެ ކޭޕް ވާޑުން ފުރަތަމަ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުގެ ތިން މެޗު އެއްވަރުކޮށް ގަދަ 32 އަށް ދިޔަ އިރު، ކޮންގޯއަށް މިއީ 52 އަހަރަށްފަހު ފުރަތަމަ ވޯލްޑް ކަޕެކެވެ. އެޓީމުންވެސް ތަފާތު ދައްކާފައިވެއެވެ.

އެފްރިކާގެ ފުޓުބޯޅަ ފެޑަރޭޝަން، ކާފްގެ ރައީސް ޕެޓްރީސް މޮސްޓެޕޭ ވިދާޅުވީ ދުނިޔެއަށް އެފްރިކާގެ ފުޓުބޯޅައިގެ ކުރިއެރުން ފެންނާތީ އުފާކުރާ ކަމަށާއި، ގައުމުތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. މިފަހަރު ވޯލްޑް ކަޕްގައި ކުޅޭ ގައުމުތަކުން ފެނިގެން ދިޔައީ ފީފާއާއެކުވެ، ގްރާސް ރޫޓްގެ ކުރިއެރުމަށާއި މުބާރާތްތަކުގެ ކުރިއެރުމަށް ކާފްއިން ކުރާ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްރިކާގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް އެފްރިކާ ކަޕް އޮފް ނޭޝަންސް، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވަން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމާފައިވާ އިރު، ކާފް އިން ވަނީ އަހަރަކު އެއްފަހަރު އެފްރިކަން ނޭޝަންސް ލީގު ބާއްވަން ނިންމައިފައެވެ. އެއީ 2029 ވަނަ އަހަރުން ފެށިގެންނެވެ. އެއީ މިވަގުތު ޔޫރަޕްގައި ޔޫއެފާ ނޭޝަންސް ލީގު ބާއްވާ ފޯމެޓަށެވެ.

އެފްކޯންގެ ފެންވަރު ރަނގަޅުކޮށް، ކުދި ގައުމުތަކުގެ ފުރުސަތަށް އެފްރިކާއިން ނޭޝަންސް ލީގެއް ބާއްވަންވެސް ނިންމާފައިވާ އިރު، ގައުމުތަކަށް ރަނގަޅަށް ތައްޔާރުވާން ލިބުނު ފުރުސަތަކީ މިފަހަރު ވޯލްޑް ކަޕުން ފެންނަ ތަފާތު ކަމަށް ތަފާތު ތަޖުރިބާކާރުން ބުނެފައިވެއެވެ. އަދި ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އެފްރިކާއިން އަންނަނީ ވޯލްޑް ކަޕެއް ނެގުމާ ގާތް ކުރަމުންނެވެ.

"މިހާރު މިދާގޮތުން އެފްރިކާ ގައުމަކުން ވޯލްޑް ކަޕް ނެގުން އެއީ މާ ދުރުގައި އޮތް ކަމަކަށް ނުވާނެ. އެ މަންޒަރު ފެންނާނެ،" ކުރިން އިންގްލެންޑް ގައުމީ ޓީމަށް ކުޅުނު ފޯވަޑް ޕީޓާ ކްރޮޗް ބުނެފައިވެއެވެ.

މިފަހަރު އެފްރިކާއިން ވާދަކުރި ޓީމުތަކުގެ ތެރެއިން 90 ޕަސެންޓް ޓީމުތައް އަނެއް ބުރަށް ގޮސްފައިވާ އިރު، ދެން އެންމެ ކާމިޔާބީ ދެކުނު އެމެރިކާއެވެ. އެ ބައްރުގެ 83.3 ޕަސެންޓް ޓީމުތައް އަނެއް ބުރަށް ގޮސްފައިވާ އިރު، ޔޫރަޕްގެ 81.3 ޕަސެންޓް ޓީމުތައް އަނެއް ބުރަށް ދިޔައެވެ. އަދި އޭޝިއާ އެންމެ ދަށްކޮށް ފެންނަ އިރު، އޭޝިއާއިން ވާދަކުރި ނުވަ ގައުމުގެ ތެރެއިން ގަދަ 32 އަށް ދިޔައީ ދެ ގައުމެވެ. އެއީ 22 ޕަސެންޓެވެ.