އިންޑިއާގެ ޕޫނޭގެ ވިޔަފާރިވެރިޔާ ކޭތަން އަގަރްވާލް މަރާލުމުގެ ކުރިން، އެ ކަމުގެ ތުހުމަތުކުރެވޭ އޭނާގެ ލޯބިވެރިޔާ ސިޔާ ގޯޔަލް އާއި ޗޭތަން ޗައުދަރީ އެހެން ތަނެއްގައި އެ ކަމުގެ ރިހާސަލްތަކެއް ކުރި ކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.
މި މަހުގެ 18 ވަނަ ދުވަހު ލޯހަގަޅު ފޯޓުން ވެއްޓި ކޭތަން މަރުވި ހާދިސާއަކީ އޮޅިގެން ހިނގި ކަމެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، މިއީ ރާވައިގެން ހިންގާފައިވާ އަމަލެއް ކަމަށް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.
ޕޫނޭ ރޫރަލް ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ހަތަރު ފަސް ދުވަސް ކުރިން ސިޔާ އާއި ޗޭތަން ވަނީ އެހެން ސަރަހައްދަކަށް ގޮސް، ކޭތަން ފަރުބަދަމަތިން ވައްޓާލާނެ ގޮތުގެ ރިހާސަލްތަކެއް ކޮށްފައެވެ. އަދި މީހަކު މަރާލާނެ ގޮތްތައް އިންޓަނެޓުން ހޯދައި ބަލާފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކޭތަން ވައްޓާލުމުގެ ކުރިން ސިޔާ ވަނީ ފެން ބުއިމަށް ނުވަތަ ބޫޓުގެ ނާޑުވާ އައްސަން ކަމަށް ހަދައި ތިރިވެފައެވެ. މިއީ ކޭތަން ވެއްޓޭ ވަގުތު ސިޔާގެ ގައިގައި ނުހިފޭނެހެން ރައްކާތެރިވުމުގެ ގޮތުން ދިން އިޝާރާތެއް ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ. އެ ވަގުތު ފަހަތުން އައިސް ކޭތަން ކޮއްޕާލީ ޗޭތަން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ޖޫން 23 ވަނަ ދުވަހު ހައްޔަރުކުރި ސިޔާ އާއި ޗޭތަންގެ ބަންދުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވާއިރު، ފުލުހުން އަންނަނީ ކޯޓު މެދުވެރިކޮށް ބަންދުގެ މުއްދަތު އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. ފުލުހުން ވަނީ އާދީއްތަ ދުވަހު ސިޔާ ގޮވައިގެން ކުށް ހިނގި ސަރަހައްދަށް ގޮސް، އެ ހާދިސާ ހިނގި ގޮތް އަމަލީ ގޮތުން ދައްކުވައިދީފައެވެ. މި މައްސަލަ އަވަސް ނިޔާގެ ކޯޓެއްގައި ކުރިއަށްގެންދިއުމަށް މަހާރާޝްތުރާ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް