އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނަށް އަލަށް އައްޔަން ކުރެއްވި މުހައްމަދު ޝަކީލް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ މަގާމުންނާއި ކޮމިޝަނުގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ގާނޫނުގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މިއާއެކު ކޮމިޝަނުގައި ހިމެނެންޖެހޭ ފަސް މެންބަރުން ވަނީ ހަމަވެފައެވެ.
އެހެންކަމުން އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވުމުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެނަން މަޖިލީހަށް އިއްވުމަށްފަހު، ދިރާސާކުރަން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުއްވައިފައެވެ.
ޝަކީލް ވަނީ މީގެ ކުރިންވެސް އީސީގެ މެންބަރުގެ މަގާމު އަދާކުރައްވައިފައެވެ.
ފަސް މެންބަރުން ހިމެނޭ އީސީގައި މެންބަރުންގެ ގޮތުގައި ޝަކީލްގެ އިތުރުން މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލާއި ރިފްއަތު އަބްދުﷲއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް