ރައީސް ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ސަރުކާރުގެ އެއްވެސް ކުންފުންޏަކުން ސިޔާސީ ބޭނުމަށް އުސޫލާ ހިލާފަށް މުވައްޒަފުން ވަކިކޮށްފައިނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ސަރުކާރު ފެށިގެން އައިއިރު ކުންފުނިތަކުގައި ތިބި ސިޔާސީ މުވައްޒަފުން ނޫން އެެހެން ފަރާތްތައް އަހަރު، ދެ އަހަރުވަންދެން ތިބި ކަމަށެވެ. އަދި އޭގެފަހުން މިއަހަރު ތެރޭގައި ބަދަލުތައް ގެނެސްފައިވަނީ މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހަރަދުތައް ކުޑަކުރަން ޖެހިގެން ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ފަރާތަކުން ފޯކަސްޓްކުރިކަމެއް ނޫން ހީކުރި ކަމެއް ނޫން އެއްގޮތަކަށްވެސް އެކަމަކަށް ހިސާބުޖަހާފައި އޮތް ކަމަކަށްވެސް ނުވާނެ ކަންނޭންގެ މިއަހަރުގެ ފެބްރުއަރީ މަސް ނިމޭއިރު ހަނގުރާމައެއް ފެށިގެން ދާނެ ކަމަށް މުޅި ދުނިޔޭގައި. އަދި އަމުދުން މުޅި ދުނިޔެއަށް އެފެކްޓްކުރާ ކަހަލަ ސަރަހައްދެއްގައި. އޭގެކުރިންވެސް ސަރުކާރު ކުންފުނިތަކާއި މިނިސްޓްރީތަކުގައި ހަރަދުކުޑަ ކުރުމަށް އެކިކަހަލަ ކަންތައްތައް ކުރަން ނިންމާފަވާނީ،" އެގޮތުން ސިޔާސީ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ކުޑަކޮށްގެން އުޅޭތާވެސް ދެ އަހަރުވެދާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ފޮޓޯ: ރައީސް އޮފިސް

ރައީސް ވިދާޅުވީ ހަރަދު ކުޑަކުރަން ޖެހިފައިވަނިކޮށް ހަނގުރާމަ ފެށުމުން ހަރަދު ކުޑަކުރަން ކޮންމެހެންވެސް ޖެހިއްޖެ ކަމަށެވެ. އެހެންވެ ކުންފުނިތަކަށް ބޭނުންވާ ވަރަށް މުވައްޒަފުން ބޭތިއްބުން މަޖުބޫރު ކަމަކަށް ކޮންމެހެން ވެފައިވާ ކަމަށެވެ.

އަދި އެކަމަކީ ރާއްޖޭގެ އިގުތިސޯދު ހަމަޔަކަށް އަޅުވައި ހަރުދަނާ ކުރުމަށް އަޅާ ޕޮޒިޓިވް ފިޔަވަޅެއް ކަމަށެވެ.

"އެކަން ކުރުމުގައި ކުންފުނިތަކުން އެދަނީ އެކުންފުނިތަކުގެ އެޗްއާރް ރިވިއު ހަދައި އެ ކުންފުނިތަކަށް ބޭނުންވާ އަދަދަށް މުވައްޒަފުން މަދުކުރުމަށްޓަކައި އެކިކަހަލަ ޕެކޭޖްތައް ދިނުމަށް އެކިއެކި އުސޫލުތަކުން ކަންކަން ކުރަނީ. އެހެންވީމަ އަޅުގަނޑުވީ ވައުދަކާ ހިލާފެއް ނުވަން، ވައުދުވީ ގޮތަށް ސަރުކާރު ބަދަލުވެގެން އައިއިރު ކުންފުނިތަކުގައި ތިބި މުވައްޒަފުން ތިބޭނެ،" ރައީސް ވިދާޅުވިއެވެ.