ސިނގިރޭޓަކުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ދިވެހި ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނު އިސްލާހު ކުރަން ފޮނުވި ބިލު ސަރުކާރުން ފޮނުވި ގޮތަށް އިސްލާހެއް ނުގެނެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވި މި ބިލުގެ އިބުތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ، މިމަހުގެ 24 ވަނަ ދުވަހުއެވެ.
މުޅި މަޖިލީހުގެ ކޮމިޓީގައި ބިލުގެ ބަހުސް ފެށީ މިއަދުއެވެ. ނަމަވެސް ބިލަށް އެއްވެސް އިސްލާހެއް ހުށަނާޅައި ބިލުގެ ބަހުސް ވަނީ ނިންމާލައިފައެވެ.
އެއްވެސް މެންބަރަކު ބިލަށް އިސްލާހެއް ހުށަހަޅުއްވާފައި ނުވާތީ، ކޮމިޓީގެ ރިޔާސަރުގައި އިންނެވި މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ، ކޮމިޓީން ބިލު ފާސްކުރަން ފެނޭތޯ، ވޯޓަށް އެއްސެވިއެވެ.
މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ، އެވަގުރު ކޮމިޓީގައި ތިއްބެވި 72 މެންބަރުންގެ ތެެރެއިން 69 މެންބަރުންގެ އިއްތިފާގުންނެވެ.
ދެން ކޮމިޓީ ރިޕޯޓު ފޮނުވާނީ މަޖިލިސް ތަޅުމަށެވެ.
ބިލު ފާސްކުރާނީ ކޮމިޓީ ރިޕޯޓަށް މަޖިލިސް ތަޅުމުގައި ބަހުސް ކުރުމަށްފަހުގައެެވެ.
މި ބިލުގެ ބޭނުމެއް ކަމަށް ބިލުގައި ބުނެފައިވަނީ، އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ސިނގިރޭޓަކުން ނަގާ ޑިއުޓީއަކީ، ހަތަރު ރުފިޔާކަމުގައި ހަމަޖައްސައި، އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 30 ޕަސެންޓް ކަމަށް ހަމަޖެއްސުން ކަމަށެވެ.
އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވުމަށް ހާއްސަކޮށް ތައްޔާރު ކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި ނިކޮޓިން ޕެޗާއި އެފަދަ އެހެނިހެން ބާވަތްތަކުން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ހަމަޖެއްސުމަށްޓަކައި ގާނޫނަށް ގެންނާން ޖެހޭ ބަދަލު ގެނައުން ވެސް މި ބިލު ހުށަހެޅުމުގެ ބޭނުމުގެ ގޮތުގައި ވަނީ ފާހަގަ ކޮށްފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުގައި ސިގިރޭޓަކުންނާއި ބިޑިއަކުން ނަގާ ޑިއުޓީއަކީ 8 ރުފިޔާއެވެ. އޭގެ އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ އަަދަދަކީ 50 ޕަސެންޓެވެ.
މި ހުށަހެޅި އިސްލާހުގައި ވަނީ، ސިނގިރޭޓްގެ އިތުރުން ބިޑިއަކުން ނަގާ ޑިއުޓީވެސް ހަތަރު ރުފިޔާއަށް ކުޑަކުރަން ހުށަހަޅައިފައެވެ.
އޭގެ އިތުރުން ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުން ނަގަމުން އައި 50 ޕަސެންޓް، 30 ޕަސެންޓަށް އަދި ސްޓިކަކުން ނަގާ 8 ރުފިޔާ 4 ރުފިޔާއަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހުށަހަޅައިފައެވެ.
މި ބިލު ފާސްވެ، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާއެކު ގާނޫނަށް އަމަލުކުރަން ފަށާނެ ކަމަށް ބިލުގައިވެއެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކޮށް، އާންމުކުރަން ޖެހޭނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ކޮމެންޓް