ރަސްމާލެ ބިމުގެ 60 ޕަސެންޓް ވަރު މިހާރު ހިއްކާފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް އެކަށް ނިންމާލެވޭނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރަސްމާލެ ހިއްކުމުގެ މަޝްރޫއަށް މަޑުޖެހުމެއް އައީ މެދުއިރުމަތީގެ ހަނގުރާމަޔާ ގުޅިގެން ކަމަށެވެ.
"އަޅުގަނޑުމެން ކަނޑައެޅި ޑޭޓަކަށް ނުއެއް ނިމޭ ހަމަ ހަގީގަތަކީ އެއީ، ދިމާވި އެންމެ ބޮޑު މައްސަލައަކީ ތެލުގެ އަގުބޮޑުވުން. ބޮޑުވީމަ މަޑުޖެހުމެއް އައިސް މިހާރު އެހެން ނަމަވެސް އެ ރިސްޓާޓްވަނީ." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ތިން ޑްރެޖަރުގެ ބަދަލުގައި ދެން ބޭނުންކުރަނީ ދެ ޑްރެޖަރު ކަމަށެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މިއަހަރު ނިމެންވާއިރަށް އެންމެ ލަސްވެގެން މި މަސައްކަތް ނިންމާލުން،"
ރައީސް ވިދާޅުވީ އެތަނުން ގޯތި ލިބޭ ފަރާތްތަކަށް ގޯތިލިބޭކަން މިއަހަރުގެ ތެރޭގައި އަންގާނެ ކަމަށެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްގެންދަނީ 11 ސައިޓަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
ރަސްމާލޭގެ ބިން ހިއްކަނީ އެމްއޭސީއެލްއާ ހަވާލުކޮށްގެނެވެ. އެ މަސައްކަތަށް އެމްއޭސީއެލުން ވަނީ ދުނިޔޭގައި ބިން ހިއްކުމުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ޑްރެޖަރުތަކުގެ ތެރޭގައި ހިމެނޭ އެއްފަހަރާ 46000 އަކަ މީޓަރުގެ ވެލި ނެގުމުގެ ގާބިލުކަން ލިބިފައިވާ ކްރިސްޓަބަލް ކޮލޮންވެސް ގެނެސްފައެވެ.
އާއިޝަތު މާހާ
ރަސްމާލެ
ކޮމެންޓް