ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތްތައް ކުރުމަށް ކަނޑައަޅާފައިވާ ލިމިޓްތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި ފަހުން ގެނައި ބޮޑު ލިމިޓްތަކަށް ލުއިތަކެއް ދޭން ނިންމާފައިވާ ކަމަށާއި އެ ލުއިތައް އަވަހަށް އާންމުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެ ލުއިތަކުގެ ތަފްސީލް މިހަފުތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ބީއެމްއެލުން އިއުލާނުކުރާނެ ކަމަށެވެ.

ބޭރުގެ އީ-ކޮމާސް މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތަކަށް "ހެޔޮ ބަދަލުތަކެއް ގެނައުމަށް" ބޭންކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލުންވަނީ ބުނެފަ އެވެ. އަދި މި މަސް ނިމުމުގެ ކުރިން ކަސްޓަމަރުންނަށް އޭގެ ފައިދާ ލިބޭނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މިދިޔަ މަހުން ފެށިގެން ދިވެހި ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގެ އީ-ކޮމާސް އަދި އޮންލައިން މުއާމަލާތްތައް ކުރުމުގައި ބީއެމްއެލް އިން މިހާރުވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ބޭރުގެ އީކޮމާސް ސައިޓުތަކުން މަހެއްގެ މައްޗަށް ކުރެވޭނެ މުއާމަލާތުގެ އަދަދު ވަނީ 30 އަށް މަދުކޮށްފައެވެ.

ބީއެމްއެލުން މިހާރު އަމަލުކުރަމުންދާ އުސޫލަށް ބަލާއިރު، ބޭރު ގައުމުތަކުގައި ޕީއޯއެސް މެދުވެރިކޮށް މަހަކު 1,000 ޑޮލަރާ ހަމައަށް މުއާމަލާތް ކުރެވެއެވެ. އަދި ބޭސްފަރުވާ، ތައުލީމް، އެއާލައިން ޓިކެޓް އަދި ހޮޓާ ބުކިން ފަދަ ކަންކަމަށް މަހަކު 3,000 ޑޮލަރުގެ ލިމިޓެއް ލިބެއެވެ