ރާއްޖެއަށް ވަގަށް ސިގިރޭޓް އެތެރެކުރުން ހުއްޓުވާނެ އިތުރު ގޮތެއް ނުދައްކައި، ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ ކުޑަކުރަން ގާނޫނު އިސްލާހު ކުރުމަކުން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެއެވެ.

ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީ 50 ޕަސެންޓުން 30 ޕަސެންޓަށް އަދި ސިނގިރޭޓަކުންނާއި ސްޓިކަކުން ނަގާ އަށް ރުފިޔާ ހަތަރު ރުފިޔާއަށް ކުޑަކުރަން، ސަރުކާރުގެ ފަރާތުން ރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މުޅި މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިއްޓޭ ވިދާޅުވީ، މިއީ ދުންފަތާބެހޭގޮތުން މިއަހަރު ތެރޭގައި ގާނޫނަށް ގެނެވޭ ތިންވަނަ އިސްލާހު ކަމަށެވެ.

"ދިވެހިންގެ ސިއްހަތު އެެހެން ގައުމުތަކަށްވުރެ މާބޮޑަށް ރަނގަޅުވެެގެން، ޑަބްލިއުއެޗްއޯ އިން އެންގީކީ ނޫން މިކަންކުރަން، މީގެކުރިން ޑިއުޓީ ބޮޑުކުރީ ދައުލަތަށް ގިނަ އާމްދަނީ ހޯދަން، ނަމަވެސް އެކަން ކާމިޔާބު ނުވީމަ ބަދަލުކުރަން މި ހުށަހެޅީ، އެންމެފަހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބުނީ،"

ފިއްޓެ ވިދާޅުވީ، ގާނޫނަށް އެ ބަދަލު ގެންނަން ޖެހުނީ، ދުންފަތާއި ސިނގިރޭޓްގެ އަގު ބޮޑު ކުރުމާ ގުޅިގެން، އާދަޔާ ހިލާފަށް ވަގު ސިނގިރޭޓް ރާއްޖެއަށް އެތެރެވެގެން ދިއުން ކަމަށެވެ. އޭގެ އިތުރުން ފޭކް ސިނގިރޭޓް އެތެރެކޮށް މީހުންނަށް ބޮޑެތި ގެއްލުންތަކެއްވުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ފިއްޓެ ވިދާޅުވީ، މި ބަދަލު ގާނޫނަށް ގެނައި ނަމަވެސް، މިކަމުގެ އަސްލު މައްސަލަ ކަމަށްވާ، ރާއްޖެއަށް ވަގަށް ސިނގިރޭޓް އެތެރެ ކުރުން ހުއްޓުވޭނެ އިތުރު މަގެއް ނުދައްކައި، މިކަން މިހާރު ގޮސްފައި އޮތް ގޮތުން މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި ސަރުކާރަށް ލިބެންޖެހޭ ފައިސާވެސް ނުލިބޭނެ ކަމަށް ފިއްޓެ ވިދާޅުވިއެެވެ.