ޕެސިފިކް ކަނޑުގެ ސަރަހައްދުގައި "އެލްނީނޯ" ނުވަތަ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިއުމުގެ އަސަރުތައް ފެށިފައިވާއިރު، އޭގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު އޮފީސް)އިން ބަލަން ފަށައިފިއެވެ.
ސައިންސްވެރިން ބުނެފައިވާ ގޮތުގައި މިއީ މިހާތަނަށް ރެކޯޑް ކުރެވޭ އެންމެ ވަރުގަދަ އެލްނީނޯއަށް ވުމުގެ ފުރުސަތު ބޮޑުވުމާއެކު، ދުނިޔޭގެ ހޫނުމިން އާދަޔާހިލާފަށް މައްޗަށް ދާނެކަމަށް ވަނީ ލަފާކުރެވިފައެވެ. އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފިއަރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނެފައިވާ ގޮތުގައި، ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގެ ލޮނުގަނޑުގެ ހޫނުމިން މިހާރުވަނީ އެލްނީނޯއެއްގެ ގޮތުގައި ބަލާ މިންގަނޑު ކަމަށްވާ 0.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ގޮސްފައެވެ. އަދި ކުރިއަށް އޮތް ނޮވެމްބަރު މަހާއި ޖެނުއަރީ މަހާ ދެމެދު މިއީ ވަރަށް ވަރުގަދަ އެލްނީނޯއަކަށް ބަދަލުވުމުގެ 63 ޕަސަންޓް ފުރުސަތު އެބައޮތެވެ.
މެޓު އޮފީހުން މިއަދު ބުނީ، މީގެ ކުރިން އެލްނީނޯ ކުރިމަތިވި ފަހަރުތަކުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރަށް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެގޮތުން ބައެއް މަސްމަހު އާއްމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ ގިނައިން ވާރޭވެހުނު އިރު، އަނެއް ބައި ފަހަރު ވާރޭވެހޭ މިންވަރު މަދުވެފައިވާކަން ފާހަގަކުރެވުނުކަމަށް މެޓުން ބުންޏެވެ.
ކޮންމެ އެލްނީނޯ އަހަރެއްގައިވެސް މޫސުމަށް ކުރާ އަސަރުތައް އެއްގޮތެއް ނުވާނެކަމަށް މެޓުން ބުންޏެވެ. އެލްނީނޯގެ ބާރުމިނާއި އެކަން ދިމާވާ ދަނޑިވަޅުގެ ސަބަބުން، ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ކުރާ އަސަރު ތަފާތުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓު އޮފީހުން ބުންޏެވެ.
އަދި ރާއްޖޭގެ މޫސުމަށް ނުފޫޒު ފޯރަނީ ހަމައެކަނި އެލްނީނޯއިން ނޫން ކަމަށާއި، "އިންޑިއަން އޯޝަން ޑައިޕޯލް" އާއި "މެޑަން ޖޫލިއަން އޮސިލޭޝަން" ފަދަ މޫސުމީ އެހެން ކަންތައްތަކުންވެސް ރާއްޖެއަށް ވާރޭވެހޭ މިންވަރަށް އަސަރުކުރާކަމަށް މެޓުން ބުންޏެވެ.
އެހެންކަމުން، އެލްނީނޯގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތައް ވަރަށް ގާތުން މޮނީޓާ ކުރަމުންދާނެކަމަށް މެޓުން ބުންޏެވެ.
މުހައްމަދު އިޝާން
މޫސުމް
މޫސުމް
މޫސުމް
މޫސުމް
ކޮމެންޓް