އާއިލީ ގުޅުންތަކުގެ ތެރޭގައި އުފެދޭ އެކި މައްސަލަތަކަށް ކޯޓުން ބޭރުގައި، މަޝްވަރާގެ އުސޫލުން ހައްލު ހޯދައިދޭނެ 25 މީޑިއޭޓަރުން ތަމްރީނުކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ބުނީ އެ ބައިވެރިން ތަމްރީނުކޮށްފައިވަނީ ހަތް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ނޭޝަނަލް ފެމިލީ މީޑިއޭޝަން ޓްރެއިނިން އޮފް ޓްރެއިނާސް" ޕްރްގްރާމުގެ ތެެރެއިން ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ފެމިލީ ކޯޓު އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެންކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ.

އެ ތަމްރީނުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނު ލިބިފައިވާ މީޑިއޭޓަރުންގެ ވިއުގައެއް ގާއިމުކޮށް، އާއިލީ މައްސަލަތައް ސުލްހަވެރިކަމާއެކު ނިންމުމުގެ ސަގާފަތެއް އާލާކުރުންކަމަށް މިނިސްޓްރީން ބުންޏެވެ. ބައިވެރިންނަށް ވަނީ މީޑިއޭޝަންގެ އަސާސްތަކާއި، މުއާމަލާތްކުރުމުގެ ހުނަރުތަކުގެ އިތުރުން، މައްސަލަ ހައްލުކުރުމުގައި ގެންގުޅެންޖެހޭ އަހުލާގީ މިންގަނޑުތަކާ ގުޅޭ ފަންނީ މައުލޫމާތު ދީފައިކަމަށް މިނިސްޓްރީން ބުންޏެވެ.

ވަކިން ހާއްސަކޮށް، އާއިލީ މައްސަލަތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ކުޑަކުދިންގެ މަސްލަހަތު އިސްކޮށްގެން މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދީފައިވާނެކަމަށް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އެ ތަމްރީނު ބިނާކޮށްފައިވަނީ "ޗައިލްޑް އެންޑް ފެމިލީ ވެލްބީން ޕްރޮޖެކްޓް" ގެ ދަށުން ހެދިފައިވާ ދިރާސާތަކުގެ މައްޗަށްކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެ ދިރާސާތަކުން ދައްކާ ގޮތުގައި އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށް މިނިސްޓްރީން ބުންޏެވެ.