ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ކުންފުނި ސެމްސަންގުން، ފަތްޖަހާލެވޭ (ފޯލްޑަބަލް) ފޯނުތަކުގެ ބަދަލުގައި، އެތެރެއިން ނުކުންނަ ގޮތަށް އޮޅާލެވޭ (ރޯލަބަލް) ސްކްރީނެއް ހިމެނޭ ސްމާޓްފޯނެއް އުފެއްދުމުގެ މަސައްކަތް ހަލުވިކޮށްފިއެވެ. ދެކުނު ކޮރެއާގެ ނޫހެއް ކަމަށްވާ 'މެއިލް ބިޒްނަސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސެމްސަންގް ޑިސްޕްލޭއިން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރުގެ ފުރަތަމަ ކޮޅު މި ފޯނު ބާޒާރަށް ނެރުމަށެވެ.
މާކެޓް ރިސާޗް ކުންފުނި އޮމްޑިއާގެ ތަފާސްހިސާބުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފޯނުގެ ސްކްރީން ފުރިހަމައަށް ހުޅުވާލުމުން 10 އިންޗީގެ ޓެބްލެޓަކާ އެއްވަރުވާނެއެވެ. މި އޯލެޑް ޑިސްޕްލޭގައި 16:9 ގެ އެސްޕެކްޓް ރޭޝިއޯއަކާއި 440 ޕީޕީއައިގެ ޕިކްސެލް ޑެންސިޓީއެއް ހުންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާރު ބާޒާރުގައި ހުރި ފަތްޖަހާލެވޭ ފޯނުތަކާ ހިލާފަށް، ރޯލަބަލް ފޯނުތަކުގައި މެކޭނިކަލް ހިންޖެއް ނުހުންނާނެއެވެ. އޭގެ ބަދަލުގައި ފޯނުގެ އެތެރޭގައި އޮޅާލެވިފައި އޮންނަ ސްކްރީން ބޭރަށް ނުކުންނަ ގޮތަށް ފަރުމާކުރުމުން، ސްކްރީން މެދުން ފާހަގަވާ ރޮނގު (ކްރީސް) ނުހުންނާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
މި ޓެކްނޮލޮޖީ ތަރައްގީކުރުމުގައި އިންޖިނިއަރިންގެ ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ސަޕްލައި ޗެއިންގެ ރިޕޯޓުތަކުން ދައްކައެވެ. އެގޮތުން، އެތައް ހާސް ފަހަރަކު ސްކްރީން އެތެރެއަށް ވަދެ ނުކުމެ ހަދާއިރު ޕެނަލަށް ގެއްލުން ނުވާނެހެން މެކޭނިޒަމް ފަރުމާކުރުމާއި، ފޯނުގެ ތުނިމިން ހިފެހެއްޓުމަކީ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
ސެމްސަންގުން މި އާ ޓެކްނޮލޮޖީއަށް އިންވެސްޓުކުރަން ފަށާފައިވަނީ، ފަތްޖަހާލެވޭ ފޯނުގެ މާކެޓުގައި އެ ކުންފުނީގެ ހިއްސާ ދަށަށް ދާން ފެށުމާ ގުޅިގެންނެވެ. އޮމްޑިއާގެ ޑޭޓާއިން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ސެމްސަންގުގެ ހިއްސާ 41.8 އިންސައްތައިގައި ހުރުމަށްފަހު، 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 27 އިންސައްތައަށް ވެއްޓިފައެވެ.
މި ފޯނަށް ކިޔާނެ ރަސްމީ ނަމެއް އަދި އިއުލާނުކޮށްފައި ނުވި ނަމަވެސް، “ގެލެކްސީ ޒީ ސްލައިޑް” ނުވަތަ “ގެލެކްސީ ޒީ ރޯލް” ގެ ނަމުގައި މި ފޯނު ނެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޑަސްޓްރީގެ ރިޕޯޓުތައް ބުނެއެވެ. ސެމްސަންގުން ވަނީ މީގެ ކުރިން ބޭއްވި ޓެކްނޮލޮޖީ މައުރަޒުތަކުގައި ރޯލަބަލް ސްކްރީންތަކުގެ ޕްރޮޓޯޓައިޕްތައް ދައްކާލާފައެވެ.
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ސެމްސަންގް
ކޮމެންޓް