ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ)ގެ ބޯޑުގެ މެންބަރުކަމަށް ރައީސުލްޖުމްހޫރއިްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރެއްވި، ގއ. ދާންދޫ، ޒައިނާ އަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުވައިފިއެވެ.

ޒައިނާ އަކީ ބޭންކިން އާއި ފައިނޭންސްގެ ދާއިރާގައި، ހާއްސަކޮށް ކޯޕަރޭޓް ފައިނޭންސް، އިސްލާމިކް ބޭންކިން އަދި ދައުލަތުގެ ކުންފުނިތަކުގެ ގަވަނަންސްގެ ދާއިރާގެ 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުންނެވި ބޭފުޅެކެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހެޑް އޮފް ކޯޕަރޭޓް ޕްރޮސެސިންއެވެ.

އެމްއައިބީ އާ ގުޅިވަޑައިގަތުމުގެ ކުރިން ޒައިނާ ވަނީ ޕީސީބީގެ ސީނިއާ އޮފިސަރެއްގެ މަގާމުވެސް އަދާކުރައްވައިފައެވެ.

ޒައިނާ ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް ސެންޓާ ފޯ އެޑިއުކޭޝަން އިން އިސްލާމިކް ފައިނޭންސްއިން މާސްޓާ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ފުރިހަމަކުރައްވައިފައެވެ. އަދި އިންޑިއާގެ ޔުނިވަސިޓީ އޮފް ޕޫނޭ އިން ބެޗްލާ އޮފް ކޮމާސް ހާސިލުކުރައްވާފައިވެސް ވެއެވެ.

ޒައިނާ އަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފިނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް ވަނީ ސްޓޭޓް އޯންޑް އެންތަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ވަނީ ފޮނުވައިފައެވެ.