އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް ކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، މުހައްމަދު ޝަކީލް، އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އީސީގެ ރައީސް ކަމުގެ މަގާމު ހުސްވީ މީގެ ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު ޒާހިދު، އެ މަގާމުންނާއި ކޮމިޝަނުގެ މެންބަރުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ގާނޫނުގައި ބުނަނީ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ އަދަދަށް މެންބަރުން އައްޔަން ކުރެއްވުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރެއްވީ މި މަހުގެ 24 ވަނަ ދުވަހުއެވެ. މިއާއެކު ކޮމިޝަނުގައި ހިމެނެންޖެހޭ ފަސް މެންބަރުން ވަނީ ހަމަވެފައެވެ.

އެހެންކަމުން އެ މެންބަރުންގެ ތެރެއިން ކޮމިޝަނުގެ ރައީސަކަށް އައްޔަން ކުރައްވަން އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ޝަކީލްގެ ނަން މަޖިލީހަށް ފޮނުއްވުމުން މަޖިލީހުން އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އިއްޔެ ފޮނުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސަކަށް ޝަކީލް އައްޔަން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކުރީ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ މައްސަލަ ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.

މަޖިލީހުން އެގޮތަށް ފާސްްކުރީ ޖަލްސާގައި ތިއްބެވި 61 މެންބަރުންގެ ތެރެއިން 51 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ޝަކީލް އެ މަގާމަށް އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ އަށް މެންބަރުންނެވެ.

ޝަކީލް ވަނީ މީގެ ކުރިންވެސް އީސީގެ މެންބަރުގެ މަގާމު އަދާކުރައްވައިފައެވެ.

ފަސް މެންބަރުން ހިމެނޭ އީސީގައި މެންބަރުންގެ ގޮތުގައި ޝަކީލްގެ އިތުރުން މިވަގުތު ތިއްބެވީ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދާއި މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ އާއި އަބްދުލްހަސީބް އިސްމާއީލާއި ރިފްއަތު އަބްދުﷲއެވެ.