ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް ޓެކްސީ ޑްރައިވަރު ގާސިމް ހަސަން, 59, މަރާލި މައްސަލައިގައި، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު މަރަން ކުރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

އދ. މާމިގިލީ، ގާސިމް ހަސަން، ކަރަށް ވަޅި ޖަހައި މަރާލާފައި އޮއްވައި ފެނުނީ ހަތަރެއް ޑިސެމްބަރު 2019 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ މަރާލާފައި އޮއްވައި ފެނުނީ ހުޅުމާލޭގައި އާންމުކޮށް މީހުން ދިރިނޫޅޭ، އަނދިރި ސަރަހައްދެއްގައި އޮންނަ މަގެއް ކަމަށްވާ ރީތިގަސްމަގުގައެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި ގާސިމަށް އަދުހަމް ހަމަލާދިނީ އޭނާގެ އަތުން ފޭރެން އުޅުމުގެ ތެރޭގައެވެ.

ގާސިމް މަރާލި މައްސަލައިގައި ދައުލަތުން އަދުހަމްގެ މައްޗަށް އުފުލީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާއަށް އަދުހަމް ކުރިން އެއްބަސްވުމަށްފަހު، ފަހުން އޭނާ ބުނެފައިވަނީ ހަމަލާ ދެވުނީ ގަސްދެއް ނެތި ކަމަށެވެ. އަދި ހަމަލާ ދެވުނީ މަސްތުވެގެން ހުއްޓައި ކަމަށް ވެސް އަދުހަމް ބުނެފައިވެއެވެ.

އެ މައްސަލައިގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި މަނާ ކުރުމުގެ ގާނޫނާ ހަވާލާދީ، 16 އޭޕްރީލް 2023 ވަނަ ދުވަހު އަދުހަމްގެ މައްޗަށް މަރުގެ ހުކުމް ކުރީ، ގާސިމްގެ ވާރިސުންގެ ގޮތުގައި މި ވަގުތު ތިބި ގާސިމްގެ ފަސް ދަރިން އަދުހަމްގެ ކިބައިން މަރަށް މަރު ހިފުމަށް އެދޭތީއެވެ.

މަރުގެ ހުކުމްތަކުގައި ހުކުމް ކުރި މީހާގެ ފަރާތުން އެ މައްސަލަ މަތީ ކޯޓެއްގައި އިސްތިއުނާފް ނުކޮށްފިނަމަ އެ ހުކުމް ކަށަވަރު ކުރުމަށް ދައުލަތުން މަތީކޯޓުތަކަށް ހުށަހަޅަން ޖެހެއެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ އެގޮތުގެ މަތިންނެވެ.

ހުކުމް އިއްވަވަމުން، ހައިކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ މެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ދީބާނާޒް ފަހުމީ ވިދާޅުވީ، ގާސިމް ހަސަން މަރާލުމުގެ ނިޔަތް އޮތް ކަމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ހުރި ކަންކަން އެ ގޮތުގައި ދެމި އޮތް ކަމަށެވެ.

އެގޮތުން ހަމައެކަނި ބިރު ދެއްކުމުގެ ބަދަލުގައި، ފޭރުމުގެ ގޮތުން ފަސޭހައިން އިންސާނެއްގެ މަސްގަނޑު ކަފައިލެވޭ ވަޅިއެއް ގަތުމަށް އަދުހަމް ބެލިކަން ހެކިތަކުން އެނގޭ ކަމަށާއި ހަމަލާ ދިނީ ގާސިމް ހަސަންގެ ކަރަށް ކަމާއި ކަރަށް ހަމަލާ ދިނުމަކީ މީހަކު މަރާލުމުގެ ފުރުސަތު ބޮޑު ކަމަށް ވާތީ، ފޭރުމުގެ ތެރެއިން މީހަކު މަރާލެވޭ ވަރަށް ވީހާ ވެސް އަނިޔާވެރި ހަމަލާއެއް ދިނުމުގެ ނިޔަތް އޮތް ކަމަށް ބާރު ލިބޭ ކަމަށް ވެސް ވިދާޅުވިއެވެ.

ދީބަނާޒްގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ހައި ކޯޓުގެ އިސް ފަނޑިޔާރު ޖަމީލް މޫސާ އާއި ހުސައިން މަޒީދު ވެސް ތާއީދު ކުރެއްވިއެވެ.