މިއަހަރުގެ މިހާތަނަށް ހިމަބިހި ޖެހުނު މީހުންގެ އަދަދު 66 އަށް އަރާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޕަބްލިކް ހެލްތްގެ ޑިރެކްޓާ ސަނާ ސަލީމް ވިދާޅުވީ ހިމަބިހީގެ އެކްޓިވް ކޭސް 13 ކަމަށާއި އެކްޓިވް ކޮންޓެކްޓުން އަދަދު 258 އަރާ ކަމަށެވެ.

"ވެކްސިން ދީފައިވަނީ 2048 މީހަކަށް. ލެބޯޓްރީ ޓެސްޓް ކުރެވުނު އަދަދަކީ 569. މި ބަލި ޖެހިފައިވާ ފަރާތްތަކުން ބަހުގައި ނުވަތަ ޓެކްސީތަކުގައި ދަތުރުކުރުން ރައްކާތެރިއެެއް ނޫން. ބޮޑަށް ރަނގަޅީ ސައިކަލުގައި މާސްކް ފަދަ އެއްޗެއް އަޅައިގެން ރައްކާތެރި ކަމާއެކު ހޮސްޕިޓަލުތަކަށް ވަނުން،" ސަނާ ވިދާޅުވީއެވެ.

މީސިލްސް ފެތުރުން ހުއްޓުވުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ހޮސްޕިޓަލް ފަދަ މީހުން ގިނަ ތަންތަނަށް ވަނުމުުގެ ކުރިން މާސް އެޅުމާއި ސެނަޓައިޒާ ބޭނުންކުރުން ހިމެނެއެވެ. އޭގެ އިތުރުން ބަލި ޖެހިފައިވާ މީހުން ކަރަންޓީން ވުމަށާއި އެދަފަ ހާލަތެއް ނެތް ފަރާތްތަކުން ހެލްތް މިނިސްޓްރީއަށް އެނގުމަށް ސަނާ ވިދާޅުވިއެވެ. އަދި ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާގައި ކަރަންޓީން ފެސިލިޓީއެއްގެ ގާއިމް ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް ސަނާ ވިދާޅުވިއެވެ.

ބަލި ފެތުރުން ރާއްޖޭގައި އެންމެ އާންމުވެފައި ވަނީ މާލެ ސަރަހައްދުގައިކަން ފާހަގަކުރައްވަމުން ސަނާ ވިދާޅުވީ މިހާރު ތިބި 66 ހިމަބިހީގެ ބަލި މީހުންގެ ތެރެއިން ހަތަރު ފަރާތަކީ ބިދޭސީން ކަމަށެވެ. އެހެންކަމުން ކުންފުނިތަކުން ވެސް އެ ފަރާތްތަކުގެ ބެލުމުގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް ވެކްސިން ޖެހުން މުހިންމު ކަމަށް ސަނާ ވިދާޅުވިއެވެ.

ބިދޭސީންނަށް މީސްލްސް ވެކްސިން ޖެހުމަށް ގެންދަން ދަތިތައް ކުރިމަތިވާ ނަމަ، ހެލްތް މިނިސްޓްރީއަށް އެކަން އެންގުމުން އެ މިނިސްޓްރީން އެކަމަށް ހައްލު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރަށްތަކާ ހިލާފަށް މާލެ ސަރަހައްދުގައި ބަލި ފެތުރުން އިތުރުވާކަން ފާހަގަކުރެވެނީ ތަނުގެ ޖާގަޔަށް ވުރެއިން ގިނަ ބަޔަކު އެއްތަނެއްގައި ދިރިއުޅެން މަޖުބޫރުވެފައިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން، ބަލިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ކެމްޕޭނެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފެށީ މިމަހުގެ 28 ގައެވެ. އެ ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައިވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. އެ އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ މިއަދުގެ ނިޔަލަށެވެ.

މި ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

  • ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ސިއްހީ ފަރުވާ ހޯދުންސިއްހީ ފަރުވާ ހޯދުމާއި ފަރުވާ ހޯދަން ހޮސްޕިޓަލަށް ދާއިރު މާސްކު އަޅައިގެން ދިއުން.
  • ހިމަބިއްސަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުން.
  • ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން.
  • ބަލި ޖެހިފައި ހުރިކަން ޔަގީންވާނަމަ ބަސް އަދި ޓެކްސީ ފަދަ، އާންުމުން ގިނައިން ބޭނުންކުރާ ވެހިކަލް ތަކުގައި ދަތުރުނުކުރުން.
  • ދަރިވަރަކަށް ހިމަބިހި ޖެހިފައިވާކަން ޔަގީންވާނަމަ ނުވަތަ ޝައްކުކުރެވޭ ނަމަ ޑޮކްޓަރަކަށް ދެއްކުމަށް ފަހު މެނުވީ ސްކޫލަކަށް ނުފޮނުވުން.

މާލޭ ސަރަހައްދުގައި އެމްއާރް ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް:

  • ޔޫޕީއެޗްސީސީ - ހޮނިހިރު އަދި އާދިއްތަ ދުވަހު ހެނދުނު 08:30 އިން 15:00 އަށް
  • ހުޅުމާލެ ހޮސްޕިޓަލް - އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު ހެނދުނު 09:00 އިން 11:00 އަށް އަދި ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު 13:00 އިން 15:00 އަށް.
  • ސެނަހިޔާ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 10:00 އިން 16:00 އަށް.
  • ވިލިމާލެ ހޮސްޕިޓަލް - އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް މެންދުރު 13:30 ފެށިގެން 15:30 އަށް.

އެޗްޕީއޭ އިން ބުނީ އަތޮޅުތަކާއި ރަށްރަށުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް، އެ މަރުކަޒަކުން ވަކިން އިއުލާން ކުރާނެ ކަމަށެވެ.