އީރާނާއި އެމެރިކާގެ މެދުގައި މިމަހު ސަތާރަވަނަ ދުވަހު ސޮއިކުރެވުނު ފަހުމުނާމާޔަށްފަހު ހޮރުމުޒް ކަނޑުއޮޅި އޮތީ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ހުޅުވައިލެވިފައެވެ. އެހެންނަމަވެސް މި ހަފުތާގައި އަނެއްކާވެސް ކުއްލިއަކަށް މަސްރަހު ހޫނުވެ ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތައް ވަނީ މަދުވެފައެވެ. ވީގޮތަކީ އީރާނުގެ އެންގުންތަކާ ޚިލާފަށް އެެއްވެސް މުއާމަލާތެއްނެތި އައު ރޮނގުތަކުން ދަތުރުކުރާ އުޅަނދުތަކަށް އީރާނުން އަނެއްކާވެސް ހަމަލަދިނުމެވެ. އެގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރަކާއި ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ޓޭންކަރަކަށް އީރާނުން ވަނީ ޑްރޯން ހަމަލާތަކެއް ދީފައެވެ. މިކަމުގެ ރައްދުގައި އެމެރިކާއިން ވަނީ އީރާނުގެ އައްސޭރީގައި ގާއިމުކުރެވިފައިވާ ކޯސްޓަލް ޑިފެންސް ބެޓެރީތަކަށް ވައިގެ ހަމަލާތަކެއް ދީފައެވެ. ޖެހިޖެހިގެން ދެދުވަހު ތަކުރާރުކޮށް އެމެރިކާގެ ހަމަލާތައް އީރާނަށް އަމާޒުކުރިއެވެ. މިކަންކުރުމަށް ބޭނުންކުރީ ބަހުރައިނާއި ކުވޭތުގައިވާ އަސްކަރީ މަރުކަޒުތަކެވެ.

ރައްދުގައި އީރާނުން ވަނީ އެ މަރުކަޒުތަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައެވެ. މިހިސާބުން އުފެދޭ ސުވާލަކީ ހޮރުމުޒް ކަނޑުއޮޅި ބޭނުންކުރާ އުޅަނދުތަކުން އީރާނުގެ ހުއްދަ ހޯދަންޖެހޭ ބާވައެވެ. ޖަވާބަކީ އާނއެކެވެ. ހޯދަންޖެހެއެވެ. މުއާމަލާތު ކުރަންޖެހެއެވެ. ދަތުރުކުރަން ޖެހެނީ އީރާނުން ހުއްދަކުރާ ރޮނގުތަކުންނެވެ. އެއީ އީރާނުން ހަމަޖައްސާފައި އޮންނަ އުސޫލެވެ. މި އުސޫލު މުގުރައިލުމަށް ބާރުއަޅަނީ އެމެރިކާއިންނެވެ. ހޮރުމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުގެ ފުރިހަމަ ކޮންޓްރޯލެއް ނެތްކަން ދުނިޔެއަށް ދެއްކުމަށްޓަކައެވެ. މިއީ އީރާނަށް ހަޖަމުކުރެވޭ ކަމެއް ނޫނެވެ. އެހެންވީމާ އީރާނުގެ އެންގުންތަކަށް ތަބާވުން ލާޒިމުކަން ދެއްކުމަށް ތެހެރާނުންވެސް ބާރުގެ ބޭނުންކުރީއެވެ. ކޮންމެއަކަސް ދެފަރާތުން ދެފަރާތަށް ހަމަލާތަކެއް ބަދަލުކޮށްފިއެވެ. ހަގުރާމަ ހުއްޓާލައިގެން ތިބުމުގެ ފަހުމުނާމާއަކަށް އަމަލުކުރެވެމުން ދަނިކޮށެވެ. އެހެންވީމާ މިދެންނެވި ފަހުމުނާމާ މިހާރު އުވިގެންދިޔައީތޯ އުވިގެންނުދާނަމަ އެޔަށް ދެންވާނީ ކިހިނެއްތޯ ސުވާލު އުފެދެއެވެ.

ފަހުމުނާމާ އެއޮތީ މުގުރިފައެވެ. އެކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ފަހުމުނާމާ މުގުރައިލުމުގެ ތުހުމަތު ކޮންމެ ބަޔަކުވެސް އަޅުވަނީ އަނެއް ފަރާތުގެ ބޮލުގައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ބުނަނީ އެއްބަސްވުމާ ޚިލާފުވީ އީރާނުން ކަމުގައެވެ. އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަން ފުރިހަމަކޮށްފައި ކޮޅެއްގައި ޖައްސަން ޖެހިދާނެޔޭ ބުނެ އޭނާ ވަނީ އީރާނަށް އައު އިންޒާރެއްވެސް ދީފައެވެ. ޓްރަމްޕުގެ މިކަހަލަ އިންޒާރުތަކަކީ އީރާނުން މިހާރު ފަރުވާ ބަހައްޓާ އިންޒާރުތަކެއް ނޫނެވެ. ޖެހިއްޔާ އެއަށްވުރެ ބާރަށް ޖަހާނަމޭ، އެކަން އަދިވެސް މޭރުން ނުވަނީހޭ ބުނެ އީރާނުންވެސް ވަރުގަދަ ރައްދެއް ވަނީ ދީފައެވެ. މިހިސާބަށް ދިޔައީމާ ކުންފުނިތަކުން އެމީހުންގެ އާގުބޯޓުތަކުގެ އިންޖީނު ނިއްވާލައިފިއެވެ. ހޮރުމުޒް ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތައް ބޮޑުތަނުން މަދުވެއްޖެއެވެ. ގަލްފުގެ މަސްރަހާމެދު ދުނިޔޭގެ ނުތަނަވަސްކަން އިތުރުވެއްޖެއެވެ. މިކަން މިހެންއޮތަސް އެމެރިކާޔާއި އީރާނުގެ ފަހުމުނާމާ އަދިވެސް ދެމިއެބައޮތެވެ.

ދެމިއެބައޮތޭ ދަންނަވަންޖެހެނީ ފަހުމުނާމާ އުވިއްޖެކަމަށް އެއްވެސް ބަޔަކު ނުބުނާތީއެވެ. ދައްކާހައި ވާހަކައެއް ފަހުމުނާމާޔަށް ރިއާޔަތްކޮށްފައި ދައްކާތީއެވެ. ކޮންމެއަކަސް ދެތިންދުވަހުގެ ނުތަނަވަސްކަމަށްފަހު މިހާރު ފެންނަމުންދަނީ ހަތިޔާރުގެ ބަދަލުގައި ޑިޕްލޮމަސީ ކުރިއަށް ނެރެން މަސައްކަތްކުރާ މަންޒަރެވެ. އީރާނާ ދެކޮޅަށް ފެށި އޮޕަރޭޝަން ފުރިހަމަކުރާނަމޭ ބުނެ އިންޒާރު ދިނުމަށްފަހު ރައީސް ޓްރަމްޕުގެ އަމަލުތައް ފެނުނީ ތަފާތުކޮށެވެ. އޭނާ މަސައްކަތްފެށީ ދަނބިކޮއި ޖަރެޑް ކުޝްނާރ އާއި އެންމެގާތް މިތުރު ސްޓީވް ވިޓްކޯފް ގަތަރަށް ފޮނުވައިގެން އީރާނާއެކު އައުބުރެއްގެ ވާހަކަތަކެއް ފެށޭތޯއެވެ. ފަހުމުނާމާޔާމެދު ދައްކަން ކޮންމެހެންވެސް ޖެހޭ ފަންނީ ވާހަކަތަކެކޯލައެވެ. ޓްރަމްޕު ބުނާގޮތުގައި މިހަފުތާގެ އަންގާރަ ދުވަހު ގަތަރުގެ ވެރިރަށް ދޯހާގައި މި ބައްދަލުވުންތައް ކުރިއަށްދާނެއެވެ. މިއީ އީރާނުން އެދިގެންކުރާ ކަމެކޭވެސް ބުންޏެވެ. އެކަމަކު އީރާނުގެ ވަފުދެއް ގަތަރަށް ފޮނުވުމާމެދު ތެހެރާނަކުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

އީރާނުން އަދި ވަކިއެއްޗެއް ނުބުންޏަސް މި ބައްދަލުވުން ދޯހާގައި ކުރިއަށްދާނޭ ކަމަށް ބެލެވެއެވެ. ގަތަރަކީ އެމެރިކާޔާއި އީރާނުގެ މެދުގައި ސުލްހަ ގާއިމުކުރެވޭތޯ މެދުވެރިކަން އަދާކުރާ ދެ ގައުމުގެ ތެރެއިން އެއްގައުމެވެ. އަނެއް ގައުމަކީ ޕާކިސްތާނެވެ. އެދެގައުމުގެ އެދުމަށް އީރާނުން ނޫނެކޭ ބުނާނެ ކަމަކަށް ނުފެނެއެވެ. ސަބަބުތަކެއް ހުރެގެންނެވެ. ޚާއްސަކޮށް ގަތަރު އެއޮތީ މިހާރު އީރާނުގެ އިތުބާރުވެސް ލިބިގެންނެވެ. މިހާތަނަށް އެމެރިކާގެ ބާރުއެޅުމުގެ މަތިން ހިފެހެއްޓިފައިވާ އީރާނުގެ ފައިސާގެ ތެރެއިން ގަތަރުގައި ހުރި ހަ ބިލިޔަން ޑޮލަރު ދޫކޮށް ނިންމައިލީވެސް ހުސްވި ހަފުތާގައެވެ. ދެކުނު ކޮރެޔާގައިހުރި ހަތަރު ފަސް ބިލިޔަން ޑޮލަރެއް ދާދިއަވަހަށް ދޫކުރުމުގެ ކަންކަންވެސް މިހާރުދަނީ ހަމަޖެހެމުންނެވެ. އެހެންވީމާ މަޝްވަރާތަކަށް އީރާނުން ހާޒިރުވާނެއެވެ. މަޝްވަރާތައް ފެށުމަކީ ނުވަތަ ބޭއްވުމަކީ ހަގުރާމަ އަލުން ފަށަން ދެގައުމުންވެސް ބޭނުން ނުވާކަމުގެ ހެއްކެކެވެ.

މައްސަލަ އިތުރަށް ހޫނުކޮށް ހަގުރާމަ އަލުން ފެށުމަކީ ދެގައުމުންވެސް ބޭނުންވާ ގޮތެއް ކަމަށް ނުފެނެއެވެ. އެހެންވީމާ ބޮނޑިއަކަށް ބޮނޑިއެއް އެޅުމުގެ އާދަ އަދިމުޅިން ދޫކޮށްނުލިޔަސް ހުޅުވިފައިވާ ބޮޑު ހަގުރާމައެއް ކުރުމުގެ ނިޔަތް ދެފަރާތުންކުރެ ފަރާތަކުން ގެންގުޅޭކަމަށް ބަލަން ޖާގައެއް ނެތެވެ. ހޮރުމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އޮތީ ކޮންބަޔަކަށްކަން ދެއްކުމުގައި ޚިލާފު ހުއްޓަސް އީރާނުގެ ފައިސާ ލިބެމުން ދަންޏާ ޑިޕްލޮމަސީ މަރެއް ނުވާނެއެވެ. ބޮނޑިއަކަށް ބޮނޑިއެއް އަޅަމުންގޮސް ފަހުމުނާމާ މަރުވިޔަސް ކުނިވެ ފުޅައަޅައިފިކަމަށް އެއްވެސް ބަޔަކު އިއުތިރާފެއްވެސް ނުވާނެއެވެ. ބުނާނީ ދިރިއެބައޮތް ކަމުގައެވެ. މިހުރިހާ ކަމަކަށް ރިއާޔަތްކުރީމާ ފެންނަ މަންޒަރަކީ ފެބްރުއަރީ އަށާވީހުން ފެށިގެން ސާޅީސް ދުވަހަށް ދެމިގެންދިޔަ ޒާތުގެ ބޮޑު ހަގުރާމައެއް އަލުން ހިގުމުގެ ފުރުސަތު ހަނިވެފައިވާ މަންޒަރެވެ. އެއީ މުޅިއަކުން މުސްތަހީލު ކަމެއްވެސް ނޫނެވެ. އެކަމަކު ފުރުސަތު ކުޑައެވެ.