ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މެރިކަން، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށް ސާބިތުނުވި، އިސްތިއުނާފުގެ ބަންދަށް ޖަވާބުދާރީވާން ވަކީލުން ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް ހައިކޯޓުން ދީފިއެވެ.

މާފަންނު ކުރާސާ ފިހާރަ ތެރޭގައި ހުއްޓައި ނައުއްޓެގެ ގަޔަށް ވަޅި ހަރައި މަރައީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ފައިހް އާއި ސިރުހާންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް އިއްވިއެވެ.

ނަމަވެސް އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުގެ އިސްތިއުނާފް ޝަރީއަތް ނިމެންދެން ފައިހް އާއި ސިރުހާން ބަންދު ކުރުމުގެ އަމުރަަކަށް ވެސް އެދުނެވެ.

އެކަމާ ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި، މައްސަލައަށް ޖަވާބުދާރީވުމާ ބެހޭގޮތުން، ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އިސްމާއީލް ޝަފީއު ސުވާލު ކުރެއްވުމުން، ފައިހް އާއި ސިރުހާން ބުނީ ހަތަރު ވަރަކަށް މަސް ބޭނުންވާ ކަމަށެވެ.

ނަމަވެސް ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގެ ބާވަތާއި ދައުލަތުން މައްސަލަ ހުށަހެޅި އިރު، އެ ދެ މީހުން ބަންދުކޮށް ދިނުމަށް ދައުލަތުން ހުށަހަޅާފައިވާތީ، އެއަށް ގޮތެއް ކަނޑައަޅަން ޖެހޭތީ ވަކީލަކު އައްޔަން ކުރަން އެހާ ގިނަ ދުވަސް ދެވެން ނެތް ކަމަށެވެ.

އެހެންކަމުން 10 ދުވަސް ތެރޭގައި ވަކީލަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި އެ މުއްދަތުގައި ވަކީލަކު އައްޔަން ނުކޮށްފިނަމަ، ދައުލަތުން ހުށަހެޅި ކަންކަމަށް އަމިއްލައަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށްވެސް އެ ދެ މީހުންނަށް ފަނޑިޔާރު އެންގެވިއެވެ.

ފަނޑިޔާރު ވިދާޅުވީ އެ ވަކީލަކު އައްޔަން ކުރުމަށް އެ ދެ މީހުންނަށް ދޭ 10 ދުވަހަށްފަހު އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި އެ ދެ މީހުން ބަންދު ކުރުމަށް އަމުރު ކުރުމާ ބެހޭގޮތެއް ނިންމަވާނެ ކަމަށެވެ.