ވަޅި ހަރައި ސ. ހިތަދޫ/ އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރާލި މައްސަލައިގައި ހިމެނޭ، ސ. މަރަދޫފޭދޫ/ ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި ތ. ގާދިއްފުށި/ ގުލޭނޫރައްމާގެ، ސިރުހާން އަލީ، ރާއްޖޭން ފުރުން މަނާކުރުމުގެ އަމުރަކާއި، އެ ދެމީހުން ބަންދު ކުރުމުގެ އަމުރަކަށް ދައުލަތުން ހައިކޯޓުގައި އެދިއްޖެއެވެ.

2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ނައުއްޓެ މަރައިލީ މާފަންނު ކްރާސާ ފިހާރަ ތެރޭގައި ހުއްޓައެވެ.

އެ މައްސަލައިގައި އެ ދެމީހުންގެ މައްޗަށް ދައުލަތުން ދައުވާކުރީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ކުރިމިނަލް ކޯޓުން ހުކުމްކުރީ، އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ހައިކޯޓުގައި އޮތް އަޑުއެހުމުގައި، އިސްތިއުނާފް މައްސަލަ ނިމެންދެން އެ ދެމީހުން ބަންދު ކުރުމުގެ އަމުރަކަށް އެދި ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު އައިޝަތު ރިޝާ ވިދާޅުވީ، އެ މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔައިރު ޝަރީއަތް ނިމެންދެން އެ ދެމީހުން ބަންދު ކޮށްފައިވާ ސަބަބުތައް ފިލާގޮސްފައި ނުވާ ކަމަށެވެ.

އޭގެ ތެރޭގައި އެ ދެ މީހުންގެ ސަބަބުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބެލެވުމާއި، އެ ދެ މީހުންގެ މައްޗަށްވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ކުރިކަމަށް ގަބޫލު ކުރެވިގެން ޝަރީއަތް ނިމެންދެން ދަށު ކޯޓު މަރުހަލާގައިވެސް އެ ދެމީހުން ބަންދުގައި ބެއިތިއްބުން ހިމެނޭކަމަށް ދައުލަތުން ވިދާޅުވިއެވެ.

މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކި ގަރީނާގެ މައްޗަށް ބިނާކޮށް، އެ ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދަށުކޯޓުން ހުކުމް އިއްވި ނަމަވެސް، އިސްތިއުނާފު މަރުހަލާގައި މީހަކު ބަންދު ކުރާއިރު ބަަލަންޖެހޭނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެެއްގޮތަށް ކަމަށް ވަކީލު ވިދާޅުވިއެވެ.

އެގޮތުން އެކަމުގައި ކުށުގެ ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރުން ހިމެނޭ އިރު، ކުށުގެ ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ ބަލަން ޖެހެނީ، މައްސަލަ ސާބިތު ނުވާކަމަށް ދަށުކޯޓުން މައްސަލަ ނިންމާފައިވާ ނިންމުމަށް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެހެންކަމުން ވަކީލު ވިދާޅުވީ، މި މައްސަލައިގައި ހައިކޯޓަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ގާރީނާގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖުރަަތުގެ ގާނޫނުގެ ދަށުން އެ ދެމީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދެވޭނެ ކަަމަށެވެ. އަދި ހައިކޯޓަށް މައްސަލަ ހުށަހެޅިއިރު، އެ ހެކިތަަކީ ކޮބައިކަން ހުށަޅާފައިވާނެ ކަަމަށެވެ.

އެމީހުން ބަންދު ކުރަންޖެހޭ އިތުރު ސަބަބުތަކުގެ ގޮތުގައި ވަކީލު ވިދާޅުވީ، ނައުއްޓެ މަރާލާފައި ވަނީ ދުރާލާ ރާވައިގެން ހިންގި ކަމެއްކަން އެނގޭނޭ ހެކި ތަކާއި، މަރައިލި މީހާއަށް ހަމަލާދިން ސީންގައި އެ ދެމީހުން ތިބިކަން ކަށަވަރު ކުރެވޭވަރުގެ ފޮރެންސިކް ހެކިތައް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ފައިހްގެ ޑީއެންއޭ ފިހާރަ ތެރެއިން ފެނުނު ކަމަށާއި، ސިރުހާންގެ ފިންގާ ޕްރިންޓް ސީނުން ފެނުނުކަމަށް ދައުލަތުން ވިދާޅުވިއެވެ. އެއާއެކު ސީސީ ޓީވީ ފްޓޭޖްތަކާއި މަންޒަރު ދުއް މީހުންގެ ހެތްކާއި، މި މައްސަލައާ ގުޅިގެން ތައްޔާރު ކޮށްފައިވާ އިންޓެލިޖެންސް ރިޕޯޓާއި މައްސަލަ ތަހުގީގުކުރި ފަރާތުގެ ބަޔާނެއް ހިމެނޭނެކަމަށް ދައުލަތުން ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބުނާގޮތަށް އެ ދެމީހުންނަކީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ބައެއްގެ ގޮތުގައި ފާހަގަވާ ކަންތައްތައް އެބަހުރިކަމަށެވެ.

އެގޮތުން އެ ދެމީހުންނަކީ މާރާމާރީ ހިންގުމުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށާއި، ގޭންގު މަސައްކަތްތަކުގައި އުޅޭ ދެމީހުންކަން ހުށަހަޅާފައިވާ އިންޓެލިޖެންސް ރިޕޯޓުން އެނގޭކަމަށް ދައުލަތުން ވިދާޅުވިއެވެ.

ތޫނު އެއްޗަކުން މީހަކު މަރައިލި އަމަލު ހިންގާފައިވަނީ، ދެ ދުވަސް މަތިން ފާރަލުމަށްފަހު ކަމަށާއި، އަނިޔާ ލިބުނު މީހާ މަރުވުމަށް މެދުވެރިވި އަމަލު ހިންގުމުގައި އެ ދެމީހުން ބައިވެރިވެފައިވަނީ، އެންމެ މަތީ ދަރަޖައަށް ކަމަށާއި، އެކަން ހިންގާފައި ވަނީ މުޖުތަަމައުގައި ދިރިއުޅޭ ތަނެއްގައި އާންމުން ވަދެ ނިކުމެހަދާ ފިހާރައެއްގައިކަމަށް ދައުލަތުން ވިދާޅުވިއެވެ.

އެހެންކަމުން މުޖުތަމައުގައި ދިރިއުޅޭ މީހުންގެ ހިތްތަކަށް ބިރުވެރިކަން ލިބޭގޮތަށް އަމިއްލަ ތަނަކަށްވަދެ އެކަންކަން ކޮށްފައިވާތީ، އިސްތިއުނާފީ މަރުހަލާ ނިމެންދެން އެ ދެމީހުން ބަންދުގައި ބައިތިއްބުމުގެ އަމުރެއް ނެރެދިނުމަށް ވަކީލު ކޯޓުގައި އެދުނެވެ. މިއާއެކު އެ ދެމީހުން ރާއްޖޭން ފުރުން މަނާ ކުރުމުގެ އަމުރަަކަށް ވެސް ދައުލަތުން އެދުނެވެ.

މި ހުށަހެޅުންތަކާ ގުޅިގެން، މި މައްސަލައިގައި ޖަވާބު ދާރީވުމަށް ވަކީލަކު ހަމަޖައްސަން އިތުރު ދުވަސްދިނުމަށް، ފައިހްއާއި ސިރުހާންގެ ފަރާތުން ކޯޓުގައި އެދުނެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އިސްމާއީލް ޝަފީއު ވަނީ ވަކީލަކު ހަމަޖައްސަން 10 ދުވަހުގެ މުއްދަތެއް އެ ދެމީހުންނަށް ދީފައެވެ.

އެ 10 ދުވަހުގެ މުއްދަތުގައި ވަކީލަކު އައްޔަން ނުކޮށްފި ނަމަ، ދައުލަތުން ހުށަހެޅި ކަންކަމަށް ދެމީހުން ޖަވާބުދާރީ ވާންޖެހޭނީ އަމިއްލައަށްކަމަށް ފަނޑިޔާރު އެންގެވިއެވެ.