ސ. ހިތަދޫ، އިޒުމީރު، މުހައްމަދު އަހުމަދުދީދީ (ނައުއްޓެ) މަރުގެ މައްސަލައިގައި ކުރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން، ދިފާއީ ވަކީލަކު ހަމަޖެއްސުމަށް ބޭނުންވާ 90،000 ރުފިޔާ ހޯދުމަށްޓަކައި ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް އިބްރާހީމް ފައިހް ނިޒާމާއި ސިރުހާން އަލީ އެދިއްޖެއެވެ.
މާފަންނު ކުރާސާ ފިހާރަ ތެރޭގައި ހުއްޓައި ނައުއްޓެގެ ގަޔަށް ވަޅި ހަރައި މަރައީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. މި މައްސަލައިގައި ފައިހްއާއި ސިރުހާންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް މިދިޔަ އޭޕްރީލް މަހުގެ ހަތްވަނަ ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ނަމަވެސް އެ މައްސަލަ ދައުލަތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. އަދި ހައިކޯޓުގެ އިސްތިއުނާފު ޝަރީއަތް ނިމެންދެން ފައިހްއާއި ސިރުހާން ބަންދު ކުރުމުގެ އިތުރުން ރާއްޖޭން ފުރުން މަނާ ކުރުމުގެ އަމުރަަކަށްވެސް އެދުނެވެ.
އެކަމާ ގުޅިގެން ހައިކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި، ދައުލަތުގެ ވަކީލު ސީނިއާ ޕްބަލިކް ޕްރޮސިކިއުޓާ އައިޝަތު ރިޝާ އެ ދެމީހުން ބަންދު ކުރުމުގެ އަމުރެއް ނެރެދެއްވުމަށް އެދިވަޑައިގަތުމުން، މައްސަލައަށް ޖަވާބުދާރީވުމާ ބެހޭގޮތުން، ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އިސްމާއީލް ޝަފީއު، ފައިހްއާއި ސިރުހާނާ ސުވާލު ކުރެއްވިއެވެ.
ދެ މީހުންވެސް ބުނީ މައްސަލައަށް ޖަވާބުދާރީވާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.
ވަކީލުން ހަމަޖައްސަން ކިހާ ދުވަހެއް ބޭނުންވާނެތޯ ފަނޑިޔާރު ސުވާލު ކުރެއްވުމުން ފައިހް ބުނީ، މިހާރު ވަކީލުން ލިބެނީ ފުދޭ ވަރަކަށް އަގުބޮޑުކޮށް ކަމަށާއި، އެކަމަށް 80،000 ރުފިޔާ ނުވަތަ 90،000 ރުފިޔާ ހަމަކުރަން ހަތަރު މަސްދުވަހުގެ މުއްދަތެއް ބޭނުންވާ ކަމަށެވެ. ސިރުހާންވެސް ފަނޑިޔާޔަށް ޖަވާބު ދެއްވީ ފައިހުގެ ވާހަކަތަކައް ތާއީދުކޮށެވެ.
ނަމަވެސް ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގެ ބާވަތާއި ދައުލަތުން މައްސަލަ ހުށަހެޅި އިރު، އެ ދެ މީހުން ބަންދުކޮށް ދިނުމަށް ހުށަހަޅާފައިވާތީ، އެއަށް ގޮތެއް ކަނޑައަޅަން ޖެހޭތީ ވަކީލަކު އައްޔަން ކުރަން އެހާ ގިނަ ދުވަސް ދެވެން ނެތް ކަމަށެވެ.
އެހެންކަމުން 10 ދުވަސް ތެރޭގައި ވަކީލަކު އައްޔަން ކުރަން ޖެހޭނެ ކަމަށާއި، އެ މުއްދަތުގައި ވަކީލަކު އައްޔަން ނުކޮށްފި ނަމަ، ދައުލަތުން ހުށަހެޅި ކަންކަމަށް އަމިއްލައަށް ޖަވާބުދާރީ ވާންޖެހޭނެ ފަނޑިޔާރު ވިދާޅުވިއެވެ.
ފަނޑިޔާރު ވިދާޅުވީ، ވަކީލަކު އައްޔަން ކުރުމަށް އެ ދެ މީހުންނަށް ދޭ 10 ދުވަހަށްފަހު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުމުގައި އެ ދެ މީހުން ބަންދު ކުރުމަށް އަމުރު ކުރުމާބެހޭ ގޮތުން ނިންމާނެ ކަމަށެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް