ށ. ޅައިމަގު "ކުރިމަގު" ބޯޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލިކަން، އޭނާއާއެކު މަސައްކަތްކުރި ދެ މީހެއްގެ މައްޗަށް ސާބިތުވާކަމަށް ކުރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ލުތުފަރުގެ މަރުގެ މައްސަލައާ ގުޅިގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ ދެ ރައްޔިތުން ކަމަށްވާ އަލަމިންއާއި ނޫރުލް އިސްލާމްގެ މައްޗަށެވެ. މި މައްސަލާގައި ދެން ބައިވެރިވި އެމްޑީ އަހްތަރު ވަނީ ޝަރީއަތް ނިމުމުގެ ކުރިން ޖަލުގައި މަރުވެފައެވެ.
2019 ވަނަ އަހަރު ހިނގި މި ހާދިސާގައި، ލުތުފަރު މަރާލުމަށްފަހު އޭނާގެ ހަށިގަނޑު ވަނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައެވެ. ގިނަ ދުވަސްތަކެއް ވަންދެން ގެއްލިގެން ހޯދަނިކޮށް، އޭނާގެ ހަށިގަނޑު ފެނުނުއިރު އޮތީ ހަމައެކަނި ކަށިތަކެކެވެ.
މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ޝާފިއު ހުކުމުގެ ރައުޔުގައި ވިދާޅުވީ، ދައުވާލިބޭ މީހުން ތަހުގީގަށް ދީފައިވާ އިއުތިރާފު ބަޔާންތަކަކީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ދީފައިވާ ސައްހަ ބަޔާންތަކެއް ކަމަށެވެ. ގާޒީ ވިދާޅުވީ އެ ބަޔާންތަކުގައި ލުތުފަރުގެ ކަރާއި ނޭފަތުގައި ހިފައި ނޭވާ ހާސްކޮށްގެން މަރާލި ގޮތާއި، އޭނާގެ ހަށިގަނޑު ފޮރުވުމަށްޓަކައި ގަލާއި ގާ އެޅި ބަސްތާތަކުގައި އައްސައި ކަނޑުފެއްތި ގޮތް ވަރަށް ތަފުސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ.
ގާޒީ ވިދާޅުވީ، ލުތުފަރުގެ ރަސްމީ ލިޔެކިޔުމެއް ނެތް ނަމަވެސް، ކަނޑުން ފެނުނު ކަށިތަކުގެ ޑީއެންއޭއާއި ބަންގްލަދޭޝްގައި ތިބި އޭނާގެ މައިންބަަފައިންނާއި ދަރިންގެ ޑީއެންއޭ ދިމާވާ ކަމަށެވެ. މިއީ އެއީ ލުތުފަރުކަން ސާބިތުކޮށްދޭ ވަރުގަދަ ޝަރުއީ ހެއްކެއް ކަމަށް ގާޒީ ކަނޑައެޅުއްވިއެވެ.
މީގެ އިތުރުން، ލުތުފަރަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅުނު މީހަކަށް ވީނަމަވެސް، އޭނާއަކީ އިސްލާމީ ޝަރީއަތުގެ ދަށުން ފުރާނައިގެ ރައްކާތެރިކަން ލިބިގެންވާ މީހެއް ކަމަށާއި، ރަސްމީ ވިސާއެއް ނެތުމަކީ އޭނާ މަރާލުމަށް ލިބޭ އުޒުރެއް ނޫންކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލާގައި މިހާރު ކުށް ސާބިތުވެފައިވާތީ، ދެން އޮންނާނީ ލުތުފަރުގެ ވާރިސުންގެ ބަސް ހޯދުމުގެ އަޑުއެހުމެކެވެ. ދައުލަތުން ވަނީ ބަންގްލަދޭޝްގައި ތިބި ވާރިސުންގެ ބަސް ކޯޓަށް ހޯދުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވިދާޅުވެފައެވެ. އަދަބު ކަނޑައެޅުން އޮންނާނީ ވާރިސުންގެ ބަސް ހޯދުމަށްފަހުގައެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
އެކްސިޑެންޓް
ކުށް
ހާރިޖީ ގުޅުން
ކޮމެންޓް