މާލެއިން ފުރައިގެން އިންޑިއާގެ ޓުޓިކޮރިންއަށް ދަތުރުކުރި ކާގޯ ބޯޓެއްގެ ބައެއް ކޮމްޕާޓްމަންޓުތައް ފޫގޮސް، ބޯޓު އަޑިއަށް ދާން ފެށުމުން އިންޑިއާގެ ކޯސްޓް ގާޑުން އޮޕަރޭޝަނެއް ހިންގައި އެ ބޯޓު ސަލާމަތްކޮށްފިއެވެ.
އެ ހާދިސާ ހިނގާފައިވަނީ ކޮމޯރޯސްގެ ދިދާގައި ދަތުރުކުރާ "އެމްވީ ސިއްތާ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓަކަށެވެ.
އިންޑިއާގެ ކޯސްޓު ގާޑުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ބޯޓުން އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ ހޮނިހިރު ދުވަހު، ޓެމިލް ނާޑޫގެ ޓިރުޗެންދޫރާ ދިމާލު ބޭރުން ދަތުރުކުރަނިކޮށް ދިޔަވާން ފެށުމުން ކަމަށެވެ. އެހީއަށް އެދުމާ އެކު އިންޑިއާގެ ކޯސްޓް ގާޑް ޝިޕް "އަތުލްޔާ" ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސްފައިކަމަށް އިންޑިއާ ކޯސްޓު ގާޑުން ބުންޏެވެ.
އަދި ކޯސްޓް ގާޑުގެ ހާއްސަ ބޯޑިން ޓީމަކުން ބޯޓަށް އަރައި، ބޯޓުގެ މާސްޓަރާއި ސެލްވޭޖް ކުންފުންޏަކާ ގުޅިގެން ކުރި މަސައްކަތުން ވަނީ ބޯޓަށް ދިޔަވަމުން ދިޔަ ދިމާތައް ބައްދައި، ބޯޓުން ދިޔަ ހިއްކައިގެން ބޯޓު ކޮންޓްރޯލްގެ ދަށަށް ގެނެސްފައި ކަމަށެވެ.
އިންޑިއާ ކޯސްޓް ގާޑުން އާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި، ބޯޓުގެ އެންމެ އެތެރޭގެ ބައިތަކަށް ދިޔަވަމުން ދިޔައިރު، ޕަމްޕު ޖަހައިގެން ދިޔަގަނޑު ހިންދުމަށް ކޯސްޓް ގާޑުގެ ޓީމުން ބުރަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
އެ ބޯޓު މިހާރު ވަނީ އިންޑިއާގެ ޓުޓިކޮރިންގެ ބަނދަރަށް ދަތުރުކުރުމަށް ފޮނުވާލާފައިކަމަށް އިންޑިއާ ކޯސްޓު ގާޑުން ބުންޏެވެ.
އިންޑިއާ ކޯސްޓް ގާޑުން ބުނި ގޮތުގައި އެ ބަނދަރުގައި ބޯޓަށް ލިބިފައިވާ ގެއްލުންތައް ރަނގަޅަށް މަރާމާތު ކުރުމުގެ ފުރުސަތު ލިބޭނެއެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކޮމެންޓް