އުރީދޫ މޯލްޑިވްސްއިން ފީފާ ވޯލްޑް ކަޕް 2026 އާ ދިމާކޮށް ބޭއްވި އެފްސީ 26 އީ-ސްޕޯޓްސް މުބާރާތް އުރީދޫ ނޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ދެކުނު ކޮރެއާ ތަމްސީލުކުރި މުހައްމަދު ޒަމީލް ޒިހުނީ ހޯދައިފިއެވެ.

މި މުބާރާތުގައި ރާއްޖޭގެ މޮޅު 48 އެފްސީ 26 ކުޅުންތެރިން ބައިވެރިވެފައިވާ އިރު، ކޮންމެ ކުޅުންތެރިއަކުވެސް ތަމްސީލުކޮށްފައިވަނީ ފީފާ ވޯލްޑް ކަޕް 2026 ގައި ވާދަކުރާ 48 ގައުމުގެ ތެރެއިން ގައުމެކެވެ. ވާދަވެރި މެޗުތަކަކަށްފަހު ޒަމީލް ވަނީ މުޅި މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދައިފައެވެ.

މުބާރާތުގެ ރަނަރަޕް މަގާމު ސައުދީ އަރަބިއްޔާ ތަމްސީލުކުރި އަބްދުﷲ މާހިލް ހޯދި އިރު، ތިންވަނަ ހޯދީ އޮސްޓްރިއާ ތަމްސީލުކުރި ޒަކްވާން ޝިހާދެވެ.

ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ފައިސާގެ އިނާމާއި ހައިސެންސް ސްމާޓް ޓީވީ ދީފައިވެއެވެ. ޗެމްޕިއަން ޒަމީލަށް 8,000 ރުފިޔާ، ތަށި، ހައިސެންސް 75 އިންޗީގެ ސްމާޓް ޓީވީ އަދި ވޯލްޑް ކަޕް ރެޕްލިކާއެއް ލިބިފައިވެއެވެ. ރަނަރަޕް މާހިލަށް 5,000 ރުފިޔާ، ތަށި އަދި 65 އިންޗީގެ ސްމާޓް ޓީވީއެއް ލިބުނު އިރު، ތިންވަނައަށް ދިޔަ ޒަކްވާނަށް 2,000 ރުފިޔާ، ތަށި އަދި 55 އިންޗީގެ ސްމާޓް ޓީވީއެއް ލިބިފައިވެއެވެ.

އުރީދޫ ނޭޝަން ކަޕަކީ ފީފާ ވޯލްޑް ކަޕާ ދިމާކޮށް ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ޑިޖިޓަލް ތަޖުރިބާތަކާއި އީ-ސްޕޯޓްސް މުބާރާތްތައް މެދުވެރިކޮށް ފޯރިގަދަ މާހައުލެއް ބިނާކުރުމަށް އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ ކެމްޕޭނުގެ ބައެކެވެ. މިފަދަ ހަރަކާތްތައް މެދުވެރިކޮށް އުރީދޫން ދަނީ ރާއްޖޭގެ ގޭމިންގް ދާއިރާގެ ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ އީ-ސްޕޯޓްސް ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަމުންނެވެ.