ރާއްޖެއަށް އެއް ކިލޯ މަސްތުވާތަކެތި ގެނަ މީހަކާއި އެޔާ ހަވާލުވަން ދިޔަ ތިން މީހުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށް ކޯޓުން ބަންދު އިތުރުކޮށް ކުރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވާ ގޮތުގައި އެތަކެތި ގެނެސްފައިވަނީ ރާއްޖެ އައި އިރު ލަގެޖުގައި ފޮރުވައިގެންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް އިންޑިއާ މީހުންނެވެ. އެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އެ މީހުންނަކީ:

  • އަމިތު ކުމާރު، 36އ - މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރި ފަރާތް
  • އާކަޝް ޔާދަވް، 36އ - އެތަކެއްޗާ ހަވާލުވާން ދިޔަ މީހެއް
  • އަނިލް ކުމާރު، 26އ - އެތަކެއްޗާ ހަވާލުވާން ދިޔަ މީހެއް
  • ރާހުލް މިޝާދް، 23އ - އެތަކެއްޗާ ހަވާލުވާން ދިޔަ މީހެއް

އެމީހުންގެ ބަންދުގެ އަމުރުތަކުގައިވާ ގޮތުން އަތުލައިގަނެވުނު މަސްތުވާތަކެތީގައި ކިލޯއެއް ހަމަވެއެވެ. އަދި އެ މައްސަލައިގައި ކޮންޓްރޯ ޑެލިވަރީ އޮޕަރޭޝަނެއް ވަނީ ހިންގައިފައެވެ.

ކޯޓު އަމުުރުތަކުގައިވާ ގޮތުން އެމީހުންނަށް ތަރުޖަމާނަކު ހަަމަޖެހިފައިނުވާތީ، އެ މީހުންނަށް އަދި ޖަހާފައިވަނީ ދެ ދުވަހުގެ ބަންދުގެ މުއްދަތެކެވެ. އަދި އެ އެންމެންވެސް ހައްޔަރުކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް އަމުރުތަކުގައި ބުނެފައިވެއެވެ.

އިންޑިއާއިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.