ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ކާގޯ ބޯޓުފަހަރުން 20 އިންސައްތައިގެ ސެކިއުރިޓީ ފީއެއް ނެގުމަށާއި، އީރާނުގެ ބޯޓުފަހަރާ ދެކޮޅަށް އަލުން ހިސާރެއް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މި ފީއަކީ އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ހިނގާނެ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ފީއެކެވެ. އަދި އެމެރިކާއަކީ ހޮރްމުޒް ކަނޑުއޮޅި ބަލަހައްޓާ ފަރާތް ކަމުގައި އޭނާ ވަނީ އިއުލާނުކުރައްވައިފައެވެ.
މިކަމަށް ރައްދުދެއްވައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވަނީ ޓްރަމްޕްގެ ހުށަހެޅުއްވުމަށް ފާޑުވިދާޅުވެފައެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ކަނޑުއޮޅީގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ފަރާތަކަށް އުޖޫރަ ލިބެން ޖެހޭނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކައަށް ތާއީދުކުރައްވާ ކަމަށެވެ. ނަމަވެސް، ތާރީހީ ގޮތުން ހޮރްމުޒް ކަނޑުއޮޅި ބަލަހައްޓާ ފަރާތަކީ އީރާނު ކަމަށާއި، 20 އިންސައްތައަކީ މާ ބޮޑު އަދަދެއް ކަމަށް ވިދާޅުވެ، އީރާނުން އިންސާފުވެރި ފީއެއް ނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައިގެ ސަބަބުން ވޮޝިންޓަނާއި ތެހެރާނާ ދެމެދު އޮތް ނުތަނަވަސްކަން އިތުރަށް ގޯސްވެފައިވާއިރު، ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. އެސޯޝިއޭޓެޑް ޕްރެސް (އޭޕީ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ކަނޑުމަގުން އުފުލާ ސާފުނުކުރާ ތެލުގެ 20 އިންސައްތަ ދަތުރުކުރާ މި ކަނޑުއޮޅީގެ މައްސަލައިގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ބްރެންޓް ކްރޫޑް ތެލުގެ އަގު ވަނީ ގާތްގަނޑަކަށް ފަސް އިންސައްތަ އުފުލިފައެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ބޯޓުފަހަރާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ޖުލައި 14 ވަނަ ދުވަހުން ފެށިގެން ތަންފީޒުކުރަން ފަށާނެއެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި