ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނަ އިރު، ފެވަރިޓަކީ ސްޕެއިން ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމް ބުނެފިއެވެ.

ސްޕެއިނާއި ފްރާންސްގެ މެޗަކީ މިހާތަނަށް މި ވޯލްޑް ކަޕްގައި ފެނިގެންދާނެ އެންމެ ވާދަވެރި މެޗެވެ. ޓެކްޓިކަލީވެސް ދެޓީމަކީ މިވަގުތު ދުނިޔޭ ފުޓުބޯޅައިގައި އޮތް އެންމެ ޝައުގުވެރި ދެޓީމެވެ. ހާއްސަކޮށް ދެޓީމަކީ ޔޫރަޕްގައި އެންމެ ވާދަވެރިކޮށް ފެންނަ ދެޓީމުވެސް މެއެވެ.

ސްޕެއިނުން ވަނީ 2024 ވަނަ އަހަރުގެ ޔޫރޯ ސެމީ ފައިނަލްގެ އިތުރުން ނޭޝަންސް ލީގުގައިވެސް ފްރާންސް ބަލިކޮށްފައެވެ. އެހެން ނަމަވެސް މި ވޯލްޑް ކަޕްގެ ފޯމު ފެންނަ ގޮތުން، މިރޭގެ މެޗަށް ގިނަ ބައެއްގެ ފެވަރިޓަކީ ފްރާންސެވެ.

"ނިމިދިޔަތަން ބާއްވަމާ ހިނގާ! ރަނގަޅު، ސްޕެއިން އޮތީ އެންމެފަހުން ދެ މުބާރާތެއްގަ އަހަރެމެން ބަލިކޮށްފަ. އެކަމަކު އެ މަންޒަރަކަށް ނުބަލާނަން. މިއީ އެހެން ލެވެލެއްގެ މެޗެއް. މިއީ ވޯލްޑް ކަޕްގެ ސެމީ ފައިނަލް، އަހަރެމެން ބޭނުމީ އަނެއްކާވެސް ފައިނަލް،" މިދިޔަ 14 އަހަރުވެސް ފްރާންސް ގައުމީ ޓީމާ ހަވާލުވެ ހުރި ޑިޝޯމް ބުންޏެވެ.

ވޯލްޑް ކަޕަށްފަހު ޑިޝޯމް ފްރާންސް ދޫކޮށްލަން ނިންމާފައިވާ އިރު، އޭނާ ވަނީ ފްރާންސާއެކު އެންމެފަހުން ދެ ވޯލްޑް ކަޕްގެވެސް ފައިނަލަށް ގޮސްފައެވެ. 2018 ވަނަ އަހަރު ފްރާންސުން ތަށި ހޯދި އިރު، 2022 ވަނަ އަހަރު ފައިނަލްގައި އާޖެންޓީނާ ކައިރިން ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ.

މިރޭގެ މެޗު ކާމިޔާބުކޮށް، ފްރާންސަށް ވޯލްޑް ކަޕްގެ ތާރީހުން ހާއްސަ ޖާގައެއް ހޯދެން އެބައޮތެވެ. އެއީ ޖެހިޖެހިގެން ތިން ފައިނަލެއްގައި ކުޅުމުގެ ޝަރަފު ހޯދުމެވެ. އެކަން މީގެ ކުރިން ކޮށްފައި ވަނީ ދެ ގައުމަކުންނެވެ. އެއީ 1982، 1986 އަދި 1990 ވަނަ އަހަރު ފައިނަލް ކުޅުނު ވެސްޓް ޖަރުމަނާއި 1994، 1998 އަދި 2002 ވަނަ އަހަރު ފައިނަލް ކުޅެފައިވާ ބްރެޒިލުންނެވެ.

އޭގެ ތެރެއިން 1998 ވަނަ އަހަރު ފައިނަލް ފްރާންސުން ކާމިޔާބުކުރި އިރު، އެޓީމުގެ ކެޕްޓަނަކީ މިހާރުގެ ކޯޗު ޑިޝޯމްއެވެ.

ޑިޝޯމް އިތުރަށް ބުނީ މެޗަކީ ފަހުގެ ތާރީހުގައި އެންމެ ވާދަވެރި މެޗަށް ވާނެ ނަމަވެސް ހަގީގީ ފެވަރިޓުންނަކީ ސްޕެއިން ކަމަށެވެ.

"ސްޕެއިނަކީ މިރޭގެ މެޗަށް ފެވަރިޓުން. އެއީ އެޓީމު ކޮޅަށް މި ވޯލްޑް ކަޕްގައި އަދި ވަދެފައި ވަނީ އެންމެ ގޯލެއް. ސްޕެއިން ކޯޗާއި އަހަންނަކީވެސް އެޓޭކް ކުރަމުން ޑިފެންސްވެސް ކުރަން އެނގޭ ދެ ކޯޗުން. އެހެންވީމަ މެޗު ރީތިވާނެ،" ޑިޝޯމް ފާހަގަކުރިއެވެ.

ސްޕެއިނާއި ފްރާންސް ވާދަކުރާ ސެމީ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12:00 ގައެވެ.