އިނގިރޭސިވިލާތުގެ 'ސްޓޭޓް ތްރެޓްސް ޕްރިވެންޝަން އެކްޓް' ގެ ދަށުން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) މަނާކުރުމަށް ނިންމުމާ ގުޅިގެން، އީރާނުން އިނގިރޭސި ސަފީރު ހޫގޯ ޝޯޓަރ އެ ގައުމުގެ ހާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ. އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ މިކަމާ ގުޅިގެން ރަސްމީކޮށް އިނގިރޭސިވިލާތާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.
އީރާނުގެ ދައުލަތުގެ ނޫސް އެޖެންސީ، އިރްނާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސި ސަފީރު ހާޒިރުކުރީ އީރާނުގެ ހާރިޖީ ވުޒާރާގެ ވެސްޓަން ޔޫރަޕް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަލީރެޒާ ޔޫސުފީއެވެ. ޔޫސުފީ ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން އައިއާރްޖީސީއާ ދެކޮޅަށް އެޅި ފިޔަވަޅަކީ އެއްވެސް އަސާސެއް ނެތް، އަދި ދުޝްމަންކަން އެކުލެވިގެންވާ އަމަލެކެވެ. މީގެ އިތުރުން، އީރާނުގެ މުއައްސަސާތަކާ ދެކޮޅަށް އަޅާ މިފަދަ ކޮންމެ ފިޔަވަޅަކަށް ހަރުކަށި އަދި އެއާ އެއްވަރުގެ ރައްދެއް ދޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
އިނގިރޭސި ސަރުކާރުން އައިއާރްޖީސީ މަނާކޮށްފައިވަނީ، އެ ޖަމާއަތަކީ އިނގިރޭސިވިލާތުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައެޅުމަށްފަހުއެވެ. އޭޕީ ނިއުސް އަދި އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ ސެކިއުރިޓީ މިނިސްޓަރު އެންޖެލާ އީގަލް ވަނީ އައިއާރްޖީސީއާ ގުޅުންހުރި ފަރާތްތަކުން އިނގިރޭސިވިލާތުގެ ފަސްގަނޑުގައި މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލުތަކާއި ބިރުދެއްކުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. މީގެ އިތުރުން، ފަހަކަށް އައިސް ޔޫރަޕުގެ އެކި ގައުމުތަކުގައި ހިންގާފައިވާ ބައެއް ހަމަލާތަކުގެ ފަހަތުގައި އީރާނުގެ އަތެއް ވާކަމަށް އިނގިރޭސިވިލާތުން ތުހުމަތުކުރެއެވެ. ނަމަވެސް އީރާނުން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެފައެވެ. އަދި އިނގިރޭސިވިލާތުން އީރާނާ ދެކޮޅަށް ހަރަކާތްތެރިވާ ޓެރަރިސްޓު ނެޓްވޯކްތަކަށް ހިމާޔަތް ދެމުންދާކަމަށް އީރާނުގެ ހާރިޖީ ވުޒާރާއިން ވަނީ ތުހުމަތުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ލަންޑަނާއި ތެހެރާނާ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުން އިތުރަށް ގޯސްވެފައިވާއިރު، އިނގިރޭސި ސަފީރު ޝޯޓަރ ވިދާޅުވީ އީރާނުގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރަށް ރައްދުކޮށްދެއްވާނެ ކަމަށެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް މި ހަފުތާގައި ހުށަހެޅުމަށް ހަމަޖެހިފައިވާ މި އާ ގާނޫނުގެ ދަށުން، އައިއާރްޖީސީއަށް އެހީތެރިވާ ފަރާތްތަކަށް 14 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. އަދި އެ ޖަމާއަތުގެ ނަމުގައި ފަނާކުރަނިވި އަމަލުތައް ހިންގާ ފަރާތްތަކަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައެޅުމުގެ ބާރު އިނގިރޭސި ސަރުކާރަށް ލިބޭނެއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް