ފީފާ ވޯލްޑް ކަޕް 2026 ގެ ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ އިރު، ސްޕެއިނުން ޖެހިލުން ވެގެން ނުވާނެ ކަމަށާއި، ލިއޮނަލް މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ނަމަވެސް އާޖެންޓީނާގެ އެހެން ކުޅުންތެރިންނަށްވެސް ސަމާލުވާން ޖެހޭނެ ކަމަށް ސްޕެއިންގެ ކެޕްޓަން ރޮޑްރީ ބުނެފިއެވެ.

ސްޕެއިނުން 2010 ވަނަ އަހަރަށްފަހު ވޯލްޑް ކަޕް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންދާ އިރު، އާޖެންޓީނާއިން މަސައްކަތް ކުރަމުން ދަނީ ވޯލްޑް ކަޕްގެ ތަށި ދިފާއުކުރުމަށެވެ. ސްޕެއިނުން މިފަހަރުގެ މުބާރާތަށް ނުކުތީ އެންމެ ވަރުގަދަ ފެވަރިޓުންގެ ގޮތުގައެވެ. އެޓީމުން ވަނީ 2024ގެ ޔޫރޯއާއި ނޭޝަންސް ލީގުވެސް ކާމިޔާބު ކޮށްފައެވެ.

"އަހަރެމެން މި ފައިނަލާ ހަމައަށް އައިސްފައި ވަނީ ކުރިއެރުންތަކެއް ހޯދަމުން. ދެން މި ލިބުނީ ވޯލްޑް ކަޕްގެ ފައިނަލެއް ކުޅެލަން. އެއީ މި ދަތުރުގައި ލިބުނު ތަފާތު ކުރިއެރުމެއް. އެކަމަކު މިހިސާބުން ހުއްޓާލުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ. އަހަރެމެންގެ އުންމީދު މިހުރީ ތަށްޓަށް،" ރޮޑްރީ ބުންޏެވެ.

ރޮޑްރީގެ ކެރިއަރުގައި މެންޗެސްޓާ ސިޓީއާއެކު ޗެމްޕިއަންސް ލީގާއި ލީގުވެސް ހޯދާފައިވާ އިރު، އޭނާއަށް ވަނީ ބެލޮންޑިއޯވެސް ލިބިފައެވެ. ރޮޑްރީ ބުނީ އެ ހުރިހާ ކަމެއްގެ މައްޗަށް ކެރިއަރުގައި ލިބޭނެ އެންމެ ބޮޑު ޝަރަފަކީ ދުނިޔޭގެ ޗެމްޕިއަނަކަށްވުން ކަމަށެވެ. ކެރިއަރުގައި މީގެ ކުރިން ކިތަންމެ ގިނަ ކަންތައްތަކެއް ހާސިލުވެފައި އޮތް ނަމަވެސް، ދުނިޔޭގެ ޗެމްޕިއަންކަން ހާއްސަ ވާނެ ކަމަށް ރޮޑްރީ ބުންޏެވެ.

އާޖެންޓީނާ ޓީމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ރޮޑްރީ ބުނީ އެއީ ތަފާތު ރޫހެއްގެ ޓީމެއް ކަމަށެވެ. ހާއްސަކޮށް މެސީއަށް ސަމާލުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"ޔަގީނުންވެސް އާޖެންޓީނާއަކީ ތަފާތު ރޫހެއްގެ ޓީމެއް. އުނދަގޫ ހާލަތްތަކުން އަރައިގަންނަން އާޖެންޓީނާގެ ރޫހު ތަފާތު. ދެން ހުރީ މެސީ. އަހަންނަށް މެސީއަކީ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ. މެސީ އަނެއްކާވެސް ގައުމީ ޓީމާއެކު ވޯލްޑް ކަޕެއްގެ ފައިނަލަށް ގޮސްފައި އެވަނީ. ޔަގީނުންވެސް މެސީއަށް ބަލަން ޖެހޭނެ. އެކަމަކު އެހެން ކުޅުންތެރިންނަށްވެސް ވިސްނަން ޖެހޭނެ،" ރޮޑްރީ ބުންޏެވެ.

އޭގެ އިތުރުން ރޮޑްރީ ބުނީ އާޖެންޓީނާގެ ވަރުގަދަ ކަންކަން ހުރި ނަމަވެސް، ސްޕެއިނަށްވެސް ބިރެއް ނެތި މެޗަށް ނުކުމެވޭނެ ކަމަށެވެ. އަދި ފިޒިކަލް ވަރުގަދަ މެޗަކަށް ޓީމު ތައްޔާރު ކަމަށް ރޮޑްރީ ބުންޏެވެ.