ފާއިތުވި 75 އަހަރުގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ނުފެންނަ ފަދަ ފުރިހަމަ އިރުކޭތައެއް އަންނަ އަހަރުގެ އޮގަސްޓު މަހުގެ 2 ވަނަ ދުވަހު އެ ގައުމަށް ފެންނާނެކަމަށް ސައުދީ ސްޕޭސް އޭޖެންސީން ބުނެފިއެވެ. މިއީ 21 ވަނަ ގަރުނުގައި ހިފާ އެންމެ ދިގު އެއް އިރުކޭތަކަމަށް ވާއިރު، މި ކޭތައިގެ ސަބަބުން ސައުދީގެ ހުޅަނގާއި ދެކުނުގެ ބޮޑު ސަރަހައްދަކަށް ދުވާލުގެ ވަގުތުގައި ވަގުތީގޮތުން ރޭގަނޑުގެ އަނދިރިކަން ވެރިވެގެންދާނެ ކަމަށް ހަބަރުތައް ބުނެއެވެ.

ސައުދީ ސްޕޭސް އޭޖެންސީން ބުނެފައިވާ ގޮތުގައި، ދެކުނުގެ ސަރަހައްދުތަކުގެ ތެރެއިން އަބްހާއަށް ގާތްގަނޑަކަށް 6 މިނެޓުގެ ވަގުތަކަށް މުޅީން އަނދިރިވާނެއެވެ. ޖިއްދާއާއި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކަށް 5 މިނެޓާއި 50 ސިކުންތުގެ ވަގުތަކަށް އަނދިރިކަން ފެތުރޭނެއެވެ. ނަމަވެސް، ގައުމުގެ މެދުތެރެއާއި އިރުމަތީގެ އިތުރުން އުތުރުގެ ސަރަހައްދުތަކަށް ފެންނާނީ ފަޅި ކޭތައެކެވެ. އެ ސަރަހައްދުތަކަށް އިރުގެ 80 އިންސައްތަ ފޮރުވޭނެކަމަށް އެ އޭޖެންސީން ބުނެފައިވެއެވެ.

މި އާދަޔާހިލާފު ދިގު ކޭތައިގެ ސަބަބުން، އިރުގެ ބޭރު ފަށަލަ ނުވަތަ ކޮރޯނާ ދިރާސާކުރުމަށް ސައިންސްވެރިންނަށާއި ފަލަކީ އިލްމުވެރިންނަށް ރަނުގެ ފުރުސަތެއް ލިބޭނެކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ. ޖިއްދާ އެސްޓްރޮނޮމިކަލް ސޮސައިޓީގެ ރައީސް މާޖިދު އަބޫ ޒާހިރާ ވިދާޅުވި ގޮތުގައި، ކޭތަ ހިފާ ވަގުތު ދުވާލުގެ އަލިކަން ފަނޑުވެ، ފިނިހޫނުމިން ވެސް ދަށްވާނެއެވެ. މިއީ ތައުލީމީ ގޮތުންނާއި ފަލަކީ އިލްމަށް އާންމުން ހޭލުންތެރިކުރުވުމަށް ލިބޭ މުހިންމު ފުރުސަތެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ކޭތަ ބެލުމުގައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސައުދީ ސްޕޭސް އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ހާއްސަ އައިނު ނުވަތަ ފިލްޓަރުކޮށްފައިވާ ދުރުމި ނުލައި ސީދާ އިރަށް ނުބެލުމަށް އެ އޭޖެންސީން ވަނީ އިންޒާރުދީފައެވެ.