އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުވަތަށް މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބައުމްވެސް ފައިނަލް މެޗަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ފީފާއިން މިފަހަރު ވޯލްޑް ކަޕަށް ޑައިނަމިކް ޕްރައިސިންގައި ޓިކެޓް ވިއްކާފައިވާ އިރު، ޓިކެޓުގެ އަގު ވަނީ ބޮޑުތަނުން އަރައިގެން ގޮސްފައެވެ. ފައިނަލް މެޗުގެ ޓިކެޓް 10،000 ޑޮލަރުން މައްޗަށް އަރައިގެން ގޮސްފައިވާ އިރު، ޝެއިންބައުމް މެކްސިކޯގެ މެޗުތަކަށްވެސް ވަޑައިނުގެންނެވީ ޓިކެޓްގެ އަގުބޮޑުކަމުން އާންމު އެތައް ރައްޔިތުންނަކަށް ޓިކެޓަށް އަތް ނުފޯރާތީ އެކަމުގައި ރައްޔިތުންނާއެކު ހުންނެވުމަށެވެ. އެ ވައުދާއެކު ހުންނެވި ޝެއިންބައުމް ވިދާޅުވީ ފައިނަލަށް ވަޑައިގަންނަވަން ނިންމެވީ ވޯލްޑް ކަޕްގެ ހޯސްޓް ސިޓީތަކުން އެކަމުގައި ބައިވެރިވާން ޖެހޭ ކަމަށް ދެކިލައްވާތީ ކަމަށެވެ.

"އަހަރެން ޓްރަމްޕްގެ ދައުވަތު ގަބޫލުކުރަން ނިންމީ ސިޔާސީ ގޮތުން އެއީ މުހިއްމު ކަމަކަށްވާތީ. ވޯލްޑް ކަޕްގައި މި ބައިވެރިވި ތިން ސިޓީން އެކުގައި ކުރި މަސައްކަތް ފައިނަލުން ފެންނަން ޖެހޭނެ. އަދި އެއީ އަހަރެމެންނާ އެމެރިކާއާ އޮންނަ ގުޅުން ދައްކުވައިދޭނެ ކަމެއް،" ޝެއިންބައުމް ވިދާޅުވިއެވެ.

މިރޭގެ ފައިނަލަށް އެމެރިކާގެ ރައީސް ޓްރަމްޕް ވަޑައިގަންނަވާނެކަން ވައިޓް ހައުސްއިން ޔަގީންކޮށްދީފައިވެއެވެ. އެ ފައިނަލުގައި ކެނެޑާގެ ޕްރައިމް މިނިސްޓަރު މާކް ކާނޭވެސް ބައިވެރިވެވަޑައިގަންނަވާ އިރު، ތިން ގައުމުގެ މެދުގައި މިހާރު ކުރެވެމުންދާ ވިޔަފާރީގެ މުއާމަލާތްތައް އޮތީ ޓެންޝަނެއްގެ ތެރޭގައެވެ. އެހެންކަމުން އެއީ ސިޔާސީ މަންޒަރެއް ދައްކުވައިދޭނެ ކަމެއް ކަމަށް ނޫސްތައް ބުނެއެވެ.