ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގާއިމުކޮށްފައިވާ އިސްރާއީލުގެ ގައިރު ގާނޫނީ އާބާދީތަކުން އުފައްދާ މުދާ އެތެރެކުރުން މަނާކުރަން ބެލްޖިއަމްގެ ސަރުކާރުން ފާސްކޮށްފިއެވެ. ބެލްޖިއަމުން މި ފިޔަވަޅު އަޅާފައިވަނީ، މުޅި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި މިފަދަ މަނާކުރުމެއް ތަންފީޒުކުރުމާ ގުޅޭގޮތުން މެންބަރު ގައުމުތަކުގެ މެދުގައި ހިޔާލުތަފާތުވުން އުފެދި، ގޮތެއް ނުނިމި ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

ބެލްޖިއަމްގެ ފެޑެރަލް ސަރުކާރުން މި ނިންމުން ފާސްކޮށްފައިވަނީ ހޫނު މޫސުމުގެ ޗުއްޓީއަށް ސަރުކާރު ބަންދުވުމުގެ ކުރިން ބޭއްވި އެންމެ ފަހު ބައްދަލުވުމުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން، މިއީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައާއި، ހުޅަނގު އައްސޭރީގައި އިސްރާއީލުން އަލަށް 1،000 އަށްވުރެ ގިނަ އާބާދީ ޔުނިޓު ބިނާކުރުމަށް ރާވަމުންދާތީ އެކަމަށް ރައްދުދިނުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ.

މިދިޔަ ހަފުތާގައި ބްރަސަލްސްގައި ބޭއްވި އީޔޫގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، އިސްރާއީލުގެ އާބާދީތަކާ އެކު ކުރާ ވިޔަފާރި ހުއްޓާލުމާ މެދު ވަނީ މަޝްވަރާކޮށްފައެވެ. އީޔޫގެ ފޮރިން ޕޮލިސީ ޗީފް ކާޔާ ކަލާސް ވިދާޅުވި ގޮތުގައި، ގައިރު ގާނޫނީ އާބާދީތަކުގެ ވިޔަފާރި މަނާކުރުމަށް ގިނަ ގައުމުތަކެއްގެ ތާއީދު އޮތް ނަމަވެސް، ޖަރުމަނާއި އިޓަލީ ފަދަ ގައުމުތަކުން ދެކޮޅުހެދުމުގެ ސަބަބުން މުޅި އިއްތިހާދުން އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ ގާނޫނީ ތަޖުރިބާކާރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ފާހަގަކުރާ ގޮތުގައި، 2024 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ ލަފާގެ ދަށުން، އިސްރާއީލުގެ އާބާދީތަކާ އެކު ވިޔަފާރިކުރުން ހުއްޓާލުމަކީ އީޔޫގެ ގައުމުތަކަށް އޮތް ގާނޫނީ ވާޖިބެކެވެ. ބެލްޖިއަމްގެ އިތުރުން ސްޕެއިން އަދި އަޔަލޭންޑުން ވެސް އަންނަނީ މިފަދަ ފިޔަވަޅުތައް އެޅުމަށް ބާރުއަޅަމުންނެވެ.

ބެލްޖިއަމްގެ ބެލްގާ ނިއުސް އޭޖެންސީއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މުދާ އެތެރެކުރުން މަނާކުރުމުގެ ސިޔާސަތު އަމަލީ ގޮތުން ތަންފީޒުކުރާނެ ގޮތުގެ ތަފުސީލުތަކާއި ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.