ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ފޮރުވުމަށް އެހީތެރިވި މީހަކަށް ރިޔާސީ މައާފު ދެއްވުމާ ގުޅިގެން އުފެދުނު މައްސަލަތަކަށްފަހު، ހަންގޭރީގެ ރައީސް ކެޓަލިން ނޮވާކް ދެއްވި އިސްތިއުފާ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުން ގަބޫލުކޮށްފިއެވެ.
ހަންގޭރީގެ ތާރީހުގައި ރައީސްކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ ކަމަށްވާ އުމުރުން 46 އަހަރުގެ ނޮވާކް އިސްތިއުފާ ދެއްވާފައިވަނީ، ދައުލަތުން ހިންގާ ކުޑަކުދީންގެ ހިޔާއެއްގެ ޑިރެކްޓަރަކު ކުޑަކުދީންތަކަކަށް ޖިންސީ ގޯނާކުރި މައްސަލަ ފޮރުވުމަށް އެހީތެރި ވި އެ ތަނުގެ ޑެޕިއުޓީ ޑިރެކްޓަރަށް މައާފު ދެއްވިކަން ފަޅާއެރުމާ ގުޅިގެންނެވެ. މިކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންނާއި އާންމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް، އޭނާގެ އިސްތިއުފާއަށް ގޮވައިފައެވެ.
މި މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، ބޮޑުވަޒީރު ވިކްޓަރ އޯބަން ވިދާޅުވި ގޮތުގައި ކުޑަކުދީންނަށް ގޯނާކުރާ މީހުންނަށް ރިޔާސީ މައާފު ނުދެވޭނެ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ހުށަހަޅައިފައެވެ. މި މައާފު ދިނުމުގެ ލިޔުމުގައި ސޮއިކުރެއްވި އޭރުގެ ޖަސްޓިސް މިނިސްޓަރު ޖުޑިތު ވާގާ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ވެރިކަންކުރާ ފިޑެޒް ޕާޓީގެ އިސް އޮފިޝަލުން ފާހަގަކުރި ގޮތުގައި، މި ނިންމުންތަކުން ދައްކުވައިދެނީ ގޯސްތަކެއް ހެދުމުން އޭގެ ނަތީޖާއާ ކުރިމަތިލާން ޖެހޭނެ ކަމެވެ.
ގާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކުށްވެރިޔާއަށް މައާފު ދެއްވުމުގައި އެކަށީގެންވާ ސަބަބެއް ބަޔާންކޮށްފައި ނުވުމަކީ ކުޑަކުދީންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ގެންގުޅޭ ސިޔާސަތާމެދު ސުވާލު އުފެދުނު ކަމެކެވެ. ނޮވާކްގެ އިސްތިއުފާ މަޖިލީހުން ފާސްކުރުމާއެކު، ހުސްވެފައިވާ ރައީސްގެ މަގާމަށް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އިސް ފަނޑިޔާރު ޓަމާސް ސުލްޔޮކް މިހާރު ވަނީ އައްޔަންކޮށްފައެވެ.
ހަންގޭރީ
ހަންގޭރީ
ހަންގޭރީ
ހަންގޭރީ
ކޮމެންޓް