މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަލާމަތީ ގޮތުން އޮތް ނުރައްކާތައް ބޮޑުވުމާ ގުޅިގެން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އެމެރިކާގެ ރައްޔިތުން ސަމާލުވުމަށް އަންގައި އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ހާއްސަ ޓްރެވަލް އެލާޓެއް ނެރެފިއެވެ.
ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނިގޮތުގައި، މެދުއިރުމަތީގެ ސަލާމަތީ ކަންކަން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އަދި ކުއްލި ގޮތަކަށް މަސްރަހު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށް އެ ޑިޕާޓްމަންޓުން ފާހަގަކުރިއެވެ.
މި އިންޒާރު ނެރެފައިވަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތައް ބޮޑުވެ، އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ހަމަލާއެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެފައިވާކަން އެ ގައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންކަމުން، އީރާނަށް ތާއީދުކުރާ ޖަމާއަތްތަކުން އެމެރިކާގެ މަސްލަހަތުތަކަށް އަމާޒުކޮށް އިތުރު ހަމަލާތަކެއް ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި އެލާޓުގައި، ހާއްސަކޮށް މެދުއިރުމަތީގައި އުޅޭ އެމެރިކާގެ ރައްޔިތުން އިތުރަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ މީހަކު ހުރި ގައުމެއްގެ އެމެރިކާ އެމްބަސީ ނުވަތަ ކޮންސިއުލޭޓުން ދޭ ސަލާމަތީ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، އެންމެ ފަހުގެ ހަބަރުތައް ގާތުން ބަލަމުންދިއުމަށް ސްޓޭޓް ޑިޕާޓްމަންޓުން އެދިފައިވެއެވެ.
މީގެ އިތުރުން، މަސްރަހު ހުރި ގޮތުން ކުއްލި ގޮތަކަށް ފްލައިޓްތައް ކެންސަލްވުމާއި ވައިގެ ސަރަހައްދުތައް ބަންދުކުރުން ފަދަ ކަންކަން މެދުވެރިވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ ޑިޕާޓްމަންޓުން ބުންޏެވެ. އެހެންކަމުން ދަތުރުކުރާ ފަރާތްތަކުން އެއާލައިންތަކާ ގުޅައިގެން ފްލައިޓް ޝެޑިއުލްތައް ކަށަވަރުކުރުމަށް ވަނީ ލަފާދީފައެވެ.
މެދުއިރުމަތީގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ ޑިޕްލޮމެޓިކް އިމާރާތްތަކަށްވެސް ނުރައްކާ އޮތް ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޒާރުދީފައެވެ. އެމެރިކާއިން މީގެ ކުރިންވެސް ވަނީ މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް އަމާޒުކޮށް މިފަދަ އިންޒާރުތައް ނެރެފައެވެ.
އެމެރިކާ
އެމެރިކާ
އެމެރިކާ
އެމެރިކާ
ކޮމެންޓް