ކުވައިތުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުގެ އަސްކަރިއްޔާއިން މިއަދު ޑްރޯން ހަމަލާތަކެއް ދީފިއެވެ. އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ކުވައިތުގައި ހުރި އެމެރިކާގެ މުހިންމު ދެ މަރުކަޒަކަށެވެ.
އީރާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކާމިކާޒީ ޑްރޯންތައް ބޭނުންކޮށްގެން ދިން މި ހަމަލާތަކުގައި ކޭމްޕް އުދައިރީގައި ހުރި އެމެރިކާ އަސްކަރިއްޔާގެ ހަތިޔާރު ގުދަނަކަށާއި، އަލީ އަލް ސާލިމް އެއަރ ބޭސްގައި ހުރި ޕޭޓްރިއަޓް ރާޑާ ސިސްޓަމްތަކަށް އަމާޒުކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އެ ބޭސްގެ ވައިގެ ސަރަހައްދު ބަލަހައްޓާ ރާޑަރުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މި ހަމަލާތަކާ ގުޅޭގޮތުން އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މިއީ ފަހުގެ ތާރީހެއްގައި އެމެރިކާގެ ފައުޖުތަކުން އީރާނުގެ ބިމަށް ދިން ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. މިއީ އެމެރިކާގެ އަމަލުތަކަށް ދިން ބަދަލުހިފުމެއް ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.
މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ، ސަރަހައްދީ ހަމަނުޖެހުންތައް ފުޅާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެމެރިކާއިން އީރާނަށް ދިން ހަމަލާތަކަށްފަހު، އީރާނުން ކުވައިތުގެ އިތުރުން އުރުދުން އަދި ބަހުރައިންގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ވެސް ހަމަލާދީފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މިހާތަނަށް މި ހަމަލާތަކުގައި ލިބުނު ގެއްލުމުގެ ތަފުސީލެއް އެމެރިކާގެ އަސްކަރިއްޔާއިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
އެމެރިކާ-އިރާން ހަނގުރާމަ
ކޮމެންޓް