އެސްއެސް ރާޖަމޯލީ ޑައިރެކްޓުކުރާ އާ ފިލްމުގައި ޕްރިޔަންކާ ޗޯޕްރާ ޖޯނަސް ކުޅޭ 'މަންދާކިނީ'ގެ ކެރެކްޓަރގެ ފުރަތަމަ ލުކް، ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ރަސްމީކޮށް އާންމުކޮށްފިއެވެ.

މި ފިލްމުގެ މަންޒަރުތައް މިހާރު ނަގަމުން އަންނަނީ އިންޑިއާގެ ވާރަނާސީގައެވެ. ސޯޝަލް މީޑިއާގައި އާންމުކުރި ރަސްމީ ޕޯސްޓުތަކުން ޕްރިޔަންކާގެ ކެރެކްޓަރގެ ނަމާއި އޭނާ ފެނިގެންދާނެ ގޮތް ކަށަވަރުވި ނަމަވެސް، ފިލްމުގެ ވާހަކައާ ގުޅޭ އިތުރު ތަފުސީލުތަކާއި ފިލްމުގައި ހިމެނޭ ތަރިންގެ ފުރިހަމަ ލިސްޓު އަދި ކަށަވަރެއް ނުވެއެވެ.

ރާޖަމޯލީގެ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުގައި ޕްރިޔަންކާ ފެންނަނީ ކަޅު ކުލައިގެ ހެދުމެއްގައި ވަރަށް ވަރުގަދަ މިޒާޖެއްގައެވެ. މީގެ އިތުރުން އުފާވެރި މޫޑެއްގައި ހުންނަ ފޮޓޯއެއް ވެސް ވަނީ އާންމުކޮށްފައެވެ. މި ފޮޓޯތައް ހިއްސާކުރަމުން ރާޖަމޯލީ ލިޔެފައިވަނީ، ޕްރިޔަންކާ ހިނިތުންވާއިރު އޯގާތެރިކަން ފެންނަ ކަމަށާއި، ނުވާނަމަ ފެންނަނީ އަލިފާން ކަމަށެވެ.

މި ފޮޓޯތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިޔާލުފާޅުކުރަމުންނެވެ. އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޕްރިޔަންކާގެ މަޝްހޫރު “ޖަންގްލީ ބިއްލީ” ގެ ލުކް އެނބުރި އައުން ކަމަށް ބުނެ ބައެއް ސަޕޯޓަރުން ވަނީ އުފާފާޅުކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން މިއީ އެކްޝަން އެޑްވެންޗަރ ފިލްމެކެވެ. އަދި މި ފިލްމުގައި މަހޭޝް ބާބޫ އާއި ޕްރިތުވީރާޖް ސުކުމާރަން ފެނިގެންދާނެ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވީ ނަމަވެސް، ފިލްމުގެ ފުރިހަމަ ކާސްޓް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެއެވެ.

މި ޕްރޮޖެކްޓުގައި ޕްރިޔަންކާގެ ރޯލު އޮތް މިންވަރާ ގުޅޭގޮތުން ސްޓޫޑިއޯއިން އިތުރު މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މި ފިލްމު ރިލީޒްކުރާނެ ވަކި ތާރީހެއް ވެސް ޕްރޮޑަކްޝަން ޓީމުން އަދި އިއުލާނެއް ނުކުރެއެވެ. މިހާރު ކުރިއަށްދަނީ ވާރަނާސީގައި ނަގަންޖެހޭ މަންޒަރުތައް ޝޫޓްކުރުމުގެ މަސައްކަތްތައް ކަމަށް ހަބަރުތައް ބުނެއެވެ.