ޕާކިސްތާނުގެ ކަރާޗީގެ ސަރުކާރު ހޮސްޕިޓަލެއްގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރުމުގެ ސަބަބުން އެޗްއައިވީ ފެތުރި، 130 އަށްވުރެ ގިނަ މީހުންނަށް އެ ބަލި ޖެހިއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިންދު އެމްޕްލޯޔީސް ސޯޝަލް ސެކިއުރިޓީ އިންސްޓިޓިއުޝަން (ސެސީ) އިން ހިންގާ ކުލްސުމް ބާއީ ވަލީކާ (ކޭބީވީ) ހޮސްޕިޓަލާ ގުޅިފައިވާ މި މައްސަލައިގައި ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. މިކަމާ ގުޅިގެން ހެދި ތަހުގީގުތަކުން ދައްކާ ގޮތުގައި، ހޮސްޕިޓަލުގެ މުވައްޒަފުން ވަނީ އިންފެކްޝަން ކޮންޓްރޯލްކުރުމުގެ އުސޫލުތަކާ ހިލާފުވެފައެވެ. އަދި ރައްކާތެރިކަމުގެ އާލާތްތައް ރަނގަޅަށް ބޭނުން ނުކުރުމާއި، އެއްފަހަރު ބޭނުންކުރާ ސިރިންޖު ނައްތާލުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ވެސް ތަހުގީގުން ހާމަވެފައިވެއެވެ.

ސިންދު ހެލްތުކެއަރ ކޮމިޝަން (އެސްއެޗްސީސީ) އިން ކުރި ތަހުގީގާ ހަވާލާދީ މީޑިއާތަކުން ބުނެފައިވަނީ، ބޭނުންކޮށްފައިވާ ސިރިންޖުތަކުން ކަށި ނެގުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލާފައިނުވާ ކަމަށެވެ. އަދި ނުރައްކާތެރި ކުނި ނައްތާލާ ގޮތް ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކިޔައިދޭން ނޭނގުނު ކަމަށް ވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މިދިޔަ ޖޫން މަހު ނިންމި ދެވަނަ ތަހުގީގުން 78 ކުއްޖަކަށް ބަލިޖެހި، ހަ ކުއްޖަކު މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ސިންދުގެ ލޭބަރ މިނިސްޓަރު ސައީދު ގަނީ ވިދާޅުވި ގޮތުގައި، މިކަމުގައި އިހުމާލުވި ފަރާތްތަކާމެދު ޖިނާއީ ދައުވާކޮށް، ވަޒީފާއިން ވަކިކުރާނެއެވެ. މިހާތަނަށް ހޮސްޕިޓަލުގެ 37 މުވައްޒަފަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ނޯޓިސް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ހާދިސާގެ ނުސީދާ ޒިންމާ އޭނާ ނަންގަވާ ކަމަށާއި، މައްސަލަ ހައްލުކުރުމަށްޓަކައި އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފިނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިހާތަނަށް 10،500 އަށްވުރެ ގިނަ މީހުން ޓެސްޓުކޮށްފައިވާއިރު، އިތުރު މީހުންނަށް ބަލި ޖެހިފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭތީ، ސަރުކާރުން އަންނަނީ އެ ސަރަހައްދުގައި ސްކްރީން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަމުންނެވެ.