ހަންގޭރީގެ ރައީސްކަމުގެ މަގާމަށް، ދުނިޔޭގެ އެންމެ މޮޅު އަންހެން ޗެސް ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޖުޑިތު ޕޮލްގާ އައްޔަންކުރަން ގަސްތުކުރައްވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޕީޓާ މަގްޔާ އިއްޔެ ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި އާންމުކުރެއްވި ބަޔާނެއްގައި މަގްޔާ ވިދާޅުވި ގޮތުގައި، އުމުރުން 49 އަހަރުގެ ޖުޑިތުއަކީ ހަންގޭރީގެ އެއްބައިވަންތަކަމާއި ސުލްހަ ރަމްޒުކޮށްދޭނެ މީހެކެވެ. މި މަގާމާ ހަވާލުވުމަށް އެދިވަޑައިގެން މިއަދު އޭނާއާ ބައްދަލުކުރައްވާނެ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުން އިއުލާނުކޮށްފައިވަނީ ހަންގޭރީގެ ކުރީގެ ރައީސް ޓަމާސް ސުލްޔޮކްގެ ރިޔާސީ ދައުރު ނިމުމަކަށް ގެނައުމަށް އެ ގައުމުގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ތަސްދީގުކުރިތާ އެއް ދުވަސް ފަހުންނެވެ.
މި އިސްލާހަކީ ކުރީގެ ބޮޑުވަޒީރު ވިކްޓަރ އޯބަންގެ ބާރުތައް ކުޑަކުރުމަށް މަގްޔާގެ ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ގެނައި އިސްލާހެއް ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ދާއިރާއާ ގުޅުމެއް ނެތް، ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ފަރާތެއް ރައީސްކަމަށް ގެނައުމަކީ މަގްޔާގެ ސަރުކާރަށް އާންމުންގެ ތާއީދު އިތުރުވެގެންދާނެ ކަމެކެވެ. ނަމަވެސް، އިދިކޮޅު ފިޑެޒް ޕާޓީން މިކަމާ މެދު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
ޖެރޫސަލަމް ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖުޑިތުއަކީ ވިދިވިދިގެން 26 އަހަރު ވަންދެން ދުނިޔޭގެ އަންހެން ޗެސް ރޭންކިންގެ އެއްވަނަ ހިފަހައްޓާފައިވާ މީހެކެވެ. އޭނާއަށް ވަނީ ހަންގޭރީގެ އެންމެ މަތީ ޝަރަފު ކަމަށްވާ “އޯޑަރ އޮފް ސެއިންޓް ސްޓީވަން” ވެސް 2015 ވަނަ އަހަރު ލިބިފައެވެ.
ޖުޑިތު މި ހުށަހެޅުން ގަބޫލުކޮށްފިނަމަ، އޭނާ ވެގެންދާނީ ހަންގޭރީގެ އާ ގާނޫނުއަސާސީ ފާސްކުރަންދެން ނުވަތަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެ ގައުމުގެ ރައީސްކަން ކުރައްވާނެ ފަރާތަށެވެ. އާ ރައީސަކު އިންތިހާބުކުރެވެންދެން ވަގުތީ ގޮތުން ރައީސްކަމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެން ހުންނެވީ ގާނޫނުހަދާ މަޖިލީހުގެ ރައީސް އެގްނެސް ފޯސްޓްހޮފަރއެވެ. މިކަމާ ގުޅޭގޮތުން ޖުޑިތުގެ ފަރާތުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހަންގޭރީ
ހަންގޭރީ
ހަންގޭރީ
ހަންގޭރީ
ކޮމެންޓް