އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި އޭނާގެ އަނބިކަނބަލުން އުޝާ ވެންސްއަށް ހަތަރުވަނަ ދަރިކަލަކު ލިބިވަޑައިގެންފިއެވެ. މޭރީލޭންޑްގައި ހުންނަ ވޯލްޓަރ ރީޑް ނޭޝަނަލް މިލިޓަރީ މެޑިކަލް ސެންޓަރުގައި އިއްޔެ ހެނދުނު އުފަންވި މި ފިރިހެން ދަރިފުޅަށް ދީފައިވާ ނަމަކީ އެލެކް ނީލް ވެންސްއެވެ.

މީސްމީޑިއާގައި އާންމުކުރެއްވި ބަޔާނެއްގައި ވެންސް ވިދާޅުވި ގޮތުގައި، އުޝާ އާއި ތުއްތު ދަރިފުޅުގެ ސިއްހަތުވެސް ރަނގަޅެވެ.

“އަޅުގަނޑުމެންގެ ފިރިހެން ދަރިފުޅު، އެލެކް ނީލް ވެންސް މިއަދު ހެނދުނު އުފަންވެއްޖެކަން އުފަލާއެކު އާންމުކުރަން. އުޝާ އާއި ދަރިފުޅުގެ ހާލުވެސް ރަނގަޅު. އަދި ކޮއްކޮއާ ބައްދަލުވުމުން އަނެއް ތިން ކުދިން ތިބީ ވަރަށް އުފަލުން،” އެ ބަޔާނުގައި ވެންސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ވައިޓް ހައުސްގެ މެޑިކަލް ޓީމަށް އެ ދެކަނބަލުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެލެކް ނީލް ވެންސް އުފަންވުމާއެކު، ވެންސްގެ އާއިލާގައި މިހާރު ހަތަރު ކުދިން އެބަތިއްބެވެ. އެއީ އުމުރުން ނުވަ އަހަރުގެ އީވާން އާއި، ހަ އަހަރުގެ ވިވެކްގެ އިތުރުން ހަތަރު އަހަރުގެ މިރަބެލްއެވެ. މިއީ 1870 ވަނަ އަހަރު ސްކައިލަރ ކޮލްފެކްސްއަށް ދަރިކަލަކު ލިބިވަޑައިގަތް ފަހުން، އެމެރިކާގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކަށް ދަރިކަލަކު ލިބިވަޑައިގަތް ފުރަތަމަ ފަހަރެވެ.

އެމެރިކާގައި އުފަންވާ ކުދިންގެ ނިސްބަތް ދަށްވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި، ގިނައިން ކުދިން ހޯދުމަށް ވެންސް ގެންދަވަނީ އާންމުންނަށް ބާރުއަޅުއްވަމުންނެވެ. އެގޮތުން، 2025 ވަނަ އަހަރު ބޭއްވި އެބޯޝަނާ ދެކޮޅު އެއްވުމެއްގައި ވާހަކަދައްކަވަމުން، އެމެރިކާގައި ގިނަ ކުދިން އުފަންވުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި 2025 ވަނަ އަހަރު އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ކޮންޒަވޭޓިވް އެކްޓިވިސްޓް ޗާލީ ކާކް މަރާލުމާ ގުޅިގެން، އިތުރު ކުއްޖަކު ހޯދުމަށް ނިންމެވި ކަމަށްވެސް ވެންސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.