މިމަހުގެ 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައަށް ހާއްސަ އޯޕީޑީއެއް ހުޅުވަން ތައްޔާރުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި މާލޭ ސިޓީ ގްރޫޕްސް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލްގެ ތަރައްގީގެ ދަށުން ވަރަށް ގިނަ އާ ހިދުމަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގޭސްޓޯ އިންޓޮލޮޖީގެ ހިދުމަތް (ގޮހޮރާއި މައިބަދައިގެ ހާއްސަ ބަލި މީހުން ބެލުމުގެ އޯޕީޑީގެ ހިދުމަތް) ކަމަށެވެ.
އެ ހިދުމަތުގެ އިތުރުން ވެސް ހުޅުމާލޭގެ ހޮސްޕިޓަލުގެ މިހާރުގެ ޖާގައިގެ ދަތިތައް ހުރުމުން މިވަގުތު އެންޑޯސްކޯޕީ އާއި ކޮލޮނޮސްކޯޕީ ނުހެދުނަސް، އޯޕީޑީގެ ހިދުމަތްތައް ފަށަން ތައްޔާރުވެފައިވާ ކަމަށް ހަލީމް ވިދާޅުވިއެވެ.
"އަދި އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމާ ގުޅިގެން. މި ސާވިސް ބޭނުންފުޅުވާ ބޭފުޅުން އެކޮޅަށް އަޅުގަނޑުމެން ރިފާކޮށްގެން އެ ހިދުމަތް ފޯރުކޮށްދޭނަން. މީގެން ރައްޔިތުންނަށް މި ލިބޭ ފަސޭހަޔަކީ މިހާރު ގޭސްޓޮރޮޖީގެ މީހަކަށް ދައްކަންވެއްޖެއްޔާ ހުޅުމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން ވަޑައިގަންނަވާނީ އައިޖީއެމްއެޗްއަށް. އެކަމަކު ގޭސްޓޮރޮޖީގެ ޑޮކްޓަރަކަށް ދައްކަން ބޭނުންވާ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި މި ހިދުމަތް ލިބޭނެ ގޮތް ޖުލައި 26 ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފަށާނަން. ހަމަ އެ އުސޫލުން ޔޫރޮލޮޖީ، ނެފްރޮލޮޖީގެ ހިދުމަތްވެސް ހަމަ ހުޅުމާލެ ހޮސްޕީޓަލުގައި ޖުލައި 26ގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފަށާނަން،" ހަލީމް ވިދާޅުވިއެވެ.
އެ ހިދުމަތަކީވެސް މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުން ލިބެން ހުރި ހިދުމަތެއް ނޫންކަން ފާހަގަކުރައްވަމުން ހަލީމް ވިދާޅުވީ، އޭގެ ތެރޭގައި ޔޫރޮފްލެމެޓްރީ ހެދުމާއި ޔޫރޮލޮޖިސްޓުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތް ވެސް ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ފަށާނެ ކަމަށެވެ.
"އޭގެ އިތުރުން ނާރުގެ ޑޮކްޓަރުންނަށް ދެއްކުމުގެ ހިދުމަތްވެސް ހުޅުމާލެ ހޮސްޕީޓަލުން ޖުލައި 26ގެ ކުރިން ފަށާންނަން. އޭގެތެރޭގައި ނާރުގެ ބަލިތަކަށް ހާއްސަ ކްލިނިކެއް ގާއިމް ކުރެވޭނެ. މިހާރު ނިއުރޮލޮޖިސްޓެއް ހުޅުމާލެ ހޮސްޕިޓަލުގައި އެބަހުރި. އޭގެ އިތުރަށް އީއީޖީގެ ހިދުމަތްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަށާނަން. އޭގެ އިތުރަށް ގްލޮކޮމާ (ލޮލުގެ ފަރުވާ)އަށް ހާއްސަ ޑޮކްޓަރެއް. ފުރަތަމަ ދިވެހި ގްލޮކޮމާ ސްޕެޝަލިސްޓް މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި އެބަހުރި. އެބޭފުޅާޔާއެކީގައި މި ހިދުމަތްވެސް މި ޖުލައި 26 ގެ ކުރިން ފެށުމަށް މިވަނީ ތައްޔާރުވެފައި،" މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.
ދެން ގްލައިކޯމާ ދެނެގަތުމަށް ބޭނުންވާ އެންމެހާ ޑައިގްނޯސްޓިކް ތަހުލީލުތަކާ ޓެސްޓުތައްވެސް އެ ހިދުމަތުގެ ތެރެއިން ފެށިގެންދާނެ ކަމަށާއި އޮޕަރޭޝަންގެ އެކި ފަރުވާތަކުގެ ތެރޭގައި ޓްރެބެކިއުލެކްޓަމީ (ލޮލޮގެ އޮޕްރޭޝަނެއް) އާއި ގޯނޮއޯޓަމީ އަދި ކޮންބައިންޑް ސާޖަރީތައް ފެށިގެން ދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
އޭގެ އިތުރުން ކެންސަރުގެ ފަރުވާ އާ އޮންކޮލޮޖީގެ ހިދުމަތްތައްވެސް ކުރިއަށްވުރެ ބޮޑަށް ފުޅާކުރެވިގެންދާނެކަން ހަލީމް ފާހަގަކުރެއްވިއެވެ. އަދި މިހާރު ހުޅުމާލެ ހޮސްޕިޓަލުން އެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ ވިސިޓިން އޮންކޮލޮޖިސްޓެއްގެ އެހީތެރިކަމާއެކީގައި ކަމަށާއި ނަމަވެސް އެކަން ބަދަލުވެ މިހާރު ހުޅުމާލެ ހޮސްޕިޓަލުގައި އޮންކޮލޮޖިސްޓެއްގެ ދާއިމީ ވަޒީފާގައި ޑޮކްޓަރެއް ހުންނެވި ކަމަށް ވެސް ވިދާޅުވިއެވެ.
މި ހިދުމަތްތަކުގެ އިތުރުންވެސް ކެންސަރުގެ ފަރުވާ އާއި ޑޮކްޓަރަށް ދެއްކުމުގެ ކަންކަންވެސް ފަހިވެގެންދާނެ ކަމަށް ހަލީމް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ހުޅުމާލެ ހޮސްޕިޓަލް
ކޮމެންޓް