ހއ. ހޯރަފުށި ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ވަހީދު، މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އޭނާ ހާޒިރު ނުވެގެން ބާތިލްކޮށްފިއެވެ.

ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ވަހީދު ސަސްޕެންޑް ކުރީ، ހއ. ހޯރަފުށި ކައުންސިލުން ލާމަރުކަޒީ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ އެ ކައުންސިލާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަކާ ގުޅޭ އަށް މައްސަލައެއް ބެލުމަށްފަހުގައެވެ.

ވަހީދަށް ފިޔަވަޅު އެޅީ އެ ކައުންސިލުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރާ ކަން ކަށަވަރު ކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވާ ބޭފުޅަކީ ކައުންސިލުގެ ރައީސް ކަމަށް ވާތީ ކަމަށް އެލްޖީއޭއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އެ މައްސަލަ ވަހީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅީ، އެލްޖީއޭއިން އޭނާ ސަސްޕެންޑް ކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށް އެދިއެވެ.

އެ ދައުވާއާ ގުޅިގެން ދައުލަތުން ޝަރީއަތަށް ދިފާއު ހުށަހެޅިއެވެ. ނަމަވެސް، އޭގެ ރައްދު ހުށަހަޅަން ވަހީދަށް ފުރުސަތު ދިނުމުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެއެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވައި، ޝަރީއަތް ފަށަން އަޑުއެހުން ތާވަލުކޮށް އެކަން ވަހީދަށް އަންގައި، އެ އަޑުއެހުމުގެ ލިންކް ފޮނުވައި ގަޑި ފާއިތުވެގެން ދިޔައިރު ވެސް ދައުވާ ހުށަހެޅި، ވަހީދު އަޑުއެހުމުގައި ބައިވެރިވެފައެއް ނުވެއެވެ. އަދި ކޯޓަށް ހާޒިރު ނުވެވޭވަރުގެ މަގުބޫލު ސަބަބެއް ވެސް އަންގައިފައެއް ނުވެއެވެ.

އެހެންކަމުން މަގުބޫލު ސަބަބެއް ނެތި ކޯޓަށް ހާޒިރުވެފައިނުވާތީ މައްސަލައިގެ ދައުވާ ފޯމް ބާތިލް ކުރަން، މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ނިންމެވިއެވެ.