ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން 65 ޕަސަންޓަކީ އެމީހުންގެ ބައިވެރިޔާއާ އެކު ޗުއްޓީ ހޭދަކުރަން އަންނަ "ކަޕުލްސް" ކަމަށް ޓޫރިޒަމް މިނިސްޓްރީން ކުރިއަށްގެންދިޔަ "މޯލްޑިވްސް ވިޒިޓާ ސާވޭ" އިން ދައްކައިފިއެވެ.
މި ސާވޭއަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ އާދަކާދަތަކާއި، ރާއްޖޭގެ ފަތުރުވެރިކަމާ މެދު އެމީހުން ދެކޭގޮތް ދެނެގަތުމަށްޓަކައި މިނިސްޓްރީން ކުރިއަށްގެންދިޔަ ދިރާސާއެކެވެ.
މި ސާވޭގެ ނަތީޖާއަށް ބަލާއިރު، ވަކިވަކި ގައުމުތަކުން އަންނަ ފަތުރުވެރިންގެ ތެރޭގައި ބައިވެރިޔާއާ އެކު ދަތުރުކުރާ މީހުންގެ ނިސްބަތް އެންމެ މަތީގައި އުޅެނީ އިނގިރޭސިވިލާތުގައެވެ. އެ ގައުމުން އައި ފަތުރުވެރިންގެ 77 ޕަސަންޓް ބައިވެރިޔާއާ އެކު ދަތުރުކުރިއިރު، އެމެރިކާގެ 75 ޕަސަންޓް، ޖަރުމަނުވިލާތުގެ 74 ޕަސަންޓް އަދި އިންޑިއާއާއި ސްވިޓްޒްލެންޑުގެ 71 ޕަސަންޓް ފަތުރުވެރިން ރާއްޖެ އައީ ބައިވެރިޔާއާ އެކުގައެވެ.
މީގެ އިތުރުން ޗައިނާ، ރަޝިއާ، އިޓަލީ، ފްރާންސް އަދި ސްޕެއިން ފަދަ ގައުމުތަކުން ޒިޔާރަތްކުރި ފަތުރުވެރިންގެ 50 ޕަސަންޓަށްވުރެ ބޮޑު ބަޔަކީވެސް ބައިވެރިޔާއާ އެކު އައި މީހުންނެވެ.
ބައިވެރިޔާއާ އެކު އަންނަ މީހުންގެ މެދުގައި އެންމެ މަގުބޫލީ ރިސޯޓުތައްކަމަށް ސާވޭއިން ދައްކައެވެ. އެގޮތުން މިފަދަ ފަތުރުވެރިންގެ 73 ޕަސަންޓް ރިސޯޓުތައް އިހްތިޔާރުކުރާއިރު، ރަށްރަށުގެ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ ތެރެއިން ބައިވެރިޔާއާ އެކު އަންނަނީ 44 ޕަސަންޓް މީހުންނެވެ.
ގެސްޓްހައުސްތަކަށް އަންނަ މީހުންގެ ތެރޭގައި 19 ޕަސަންޓް ސޯލޯ ޓޫރިސްޓުން ހިމެނޭއިރު، 12 ޕަސަންޓް މީހުން އަންނަނީ ރައްޓެހިންނާ އެކު ކުދި ގްރޫޕްތަކުގައެވެ.
ރާއްޖެއަށް ތަކުރާރުކޮށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރޭގައިވެސް ކަޕުލްސްގެ ނިސްބަތް ބޮޑެވެ. އެގޮތުން އަލަށް ރާއްޖެ އައި މީހުންގެ 68 ޕަސަންޓް ބައިވެރިޔާއާ އެކު އައިއިރު، 10 ފަހަރަށް ވުރެ ގިނައިން ރާއްޖެ އައިސްފައިވާ މީހުންގެ 48 ޕަސަންޓް ފަތުރުވެރިންނަކީވެސް ބައިވެރިޔާއާ އެކު ޗުއްޓީ ހޭދަކުރަން އަންނަ މީހުންނެވެ.
މުޅި ސާވޭގެ ނިސްބަތަށް ބަލާއިރު، އާއިލާއާ އެކު 12 ޕަސަންޓް ފަތުރުވެރިން ޒިޔާރަތްކުރާއިރު، ރައްޓެހިންނާ އެކު 13 ޕަސަންޓް އަދި އެކަނި ދަތުރުކުރާ ސޯލޯ ޓޫރިސްޓުންގެ ނިސްބަތަކީ އަށް ޕަސަންޓެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ކޮމެންޓް